ވިޔަފާރި

އަހަރީ ފީ ނުދައްކައިގެން 35 ކުންފުންޏެއް އުވާލައިފި


އަހަރީ ފީ ނުދައްކައިގެން އިކޮނޮމިކް މިނިސްޓްރީން 35 ކުންފުންޏެއް އުވާލައިފިއެވެ.

މިނިސްޓްރީން ބުނީ މި ކުންފުނިތައް އުވާލާފައިވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުންކަމަށެވެ. މިނިސްޓްރީން އާންމުކޮށްފައިވާ މި ލިސްޓުގައި އުވާލާފައިވާ 35 ކުންފުންޏެއް ހިމެނޭއިރު މި ލިސްޓުގައި ހިމެނެނީ 2015 ވަނަ އަހަރުގެ ފަހުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކެވެ.

އެކި ފަހަރު މަތިން އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ އަހަރު މުޢާމަލާތްނުކުރާ ކުންފުނިތައް އުވާލުމަށް ނިންމާ ލިސްޓުތަކެއް އާންމުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު އެއް ހާސް ފަސް ސަތޭކަ ނުވަދިހަ ހަތް ކުންފުންޏެއް އުވާލުމަށް ސަރުކާރުން ނިންމިއެވެ.

މުޢާމަލާތް ނުކުރާ ކުންފުނިތައް އުވާލުމުގެ މަސައްކަތް ފަށާފައިވާއިރު، ފާއިތުވި 22 އަހަރުގެ ތެރޭގައި އަހަރީ ފީ ނުދައްކާ ކުންފުނިތަކާއި، އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި، އޮޑިޓަރުންގެ ރިޕޯޓް ހުށަނާޅާ ކުންފުނިތަކުގެ އަދަދު 7000 އަށްވުރެ މައްޗަށް އަރާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.