ޚަބަރު

ރަށްގިރުމުގެ މައްސަލަ އާއި ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީގެ ލަފާ ރައީސް އޮފީހަށް


ރަށްގިރުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލަފާއަރުވާފައިވާކަމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވިދާޅުވެއްޖެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިކަމާއި ގުޅޭ ލަފާ އަރުވާފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށެވެ.

އެ މިނިސްޓްރީން މަޢުލޫމާތުދެއްވި ގޮތުގައި މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 120 ވުރެ ގިނަ ރަށަށް އުދަ އަރައިގެން މިނިސްޓްރީއަށް ވަނީ ރިޕޯޓްކޮށްފައެވެ. އުދައަރާ ރަށްތަކުގެތެރެއިން 20 ރަށަކީ އާދަޔާއި ޚިލާފަށް ބޮޑަށް އުދަ އަރާ ރަށްތައްކަމަށްވެސް މިނިސްޓްރީން ފާހަގަކުރައްވާފައި ވެއެވެ.

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީން ދަނީ އުދައެރުމުގެ މައްސަލައާއި ގުޅިގެން، އެންވަޔަރަމްނަޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމާއި ނުލާ ރަށްގިރުމާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ކައުންސިލްތަކަށް ހުއްދަ ދެމުންނެވެ. ވަގުތީ ޙައްލު ގެނައުމަށް ކުރެވިދާނެ ކަންތައްތަކުގެ ގޮތުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ލަފާދީފައި ވަނީ ގިރާ ސަރަޙައްދަށް ވެލިއެޅުމާއި، ޖިއޯބޭގް ނުވަތަ ވެލި ބަސްތާ ޖެހުމާއި، އަދި އެފަދަ ސަރަޙައްދަށް ގާކުނޑި އެޅުންފަދަ ކަންތައްތަކެވެ.

އެންމެ ބޮޑަށް ރަށްގިރާކަން ފާހަގަ ވަނީ އުތުރުގެ ރަށްތަކަށެވެ. އެގޮތުން ބ.މާޅޮހާއި، ބ.ކުޑަރިކިލުފަދަ ރަށްތަކުން ދަނީ ކައުންސިލާއި ރައްޔިތުން ނިކުމުގެ ރަށްގިރުން ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ދެރަށުގެ ރައްޔިތުން ނިކުމެދަނީ ރަށްގިރާ ސަރަޙައްދުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާފައިވެސްވަނީ ރާއްޖޭގައި ތިމާވެށީގެ މައްސަލަތައް އިތުރުވަމުންދާތީ "ކްލައިމެޓް އެމަރޖެންސީ"ގެ ގަރާރެއް ފާސްކޮށްފައެވެ. މި ގަރާރަކީ މިފަދަ މައްސަލަތަކަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި ފާސްކުރި ގަރާރެކެވެ.