ވިޔަފާރި

ކަރާ ހެއްދުމަށްޓަކައި ތޮއްޑޫއިން 118 ބިން ދޫކޮށްފި


ރާއްޖޭގައި ކަރާ ހެއްދުމަށް އެންމެ މަޝްހޫރު އެއް ރަށަކީ އ.އ ތޮއްޑޫއެވެ. ކަރާއަކީ ރޯދަމަހު އެންމެ ޑިމާންޑު ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. ރޯދަމަހު މާލޭ ބާޒާރަށް އެންމެ ގިނަ އަދަދަކަށް ކަރާ ގެންނަ ރަށަކީވެސް ތޮއްޑޫއެވެ. ތޮއްޑޫގައި ކަރާ ހައްދައިގެން ރަމަޟާންމަހު މާލީގޮތުން ބޮޑު ފައިދާއެއް އެރަށަށް ލިބެއެވެ.

ރަމަޝާންމަހަށްވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ތޮއްޑޫ ކައުންސިލްގެ ރައީސާ ޚަދީޖާ ނިއުޝާ ވިދާޅުވީ ކަރާ ހެއްދުމަށް އިތުރު ބިން ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 114 ދަނޑުބިން ދޫކޮށްފައިވާއިރު މިއަހަރު 118 ބިން ދޫކޮށްފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

މިހާރު ބިންތައް ދަނޑުވެރިންނާއި ހަވާލުކޮށްފައިވާކަމަށާއި ދަނޑުބިންތައް ސާފުކޮށް ދަނޑުހެއްދުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ނިއުޝާ ވިދާވިއެވެ.

ނިއުޝާ ވިދާޅުވީ ދަނޑުތަކަށް އެއްވެސް ބައްޔެއް ނުޖެހި މޫސުމީ ގެއްލުމެއްވެސް ނުވެއްޖެ ކަމުގައިވާނަމަ ރޯދަމަސް ފެށުމުގެ ތިން ހަފްތާ ކުރިން މާލޭ ބާޒާރަށް ތޮއްޑޫ ކަރާ ލިބެން ފަށާނެ ކަމަށެވެ.

ދިވެހިންނަށް ރޯދަމަހާއި އެންމެ ބޮޑު ގުޅެމެއް އޮންނަ މޭވާއަކީ ކަރާއެވެ. ތޮއްޑޫގެ އިތުރުން ދެން މާލޭ ބާޒާރަށް އެންމެ ގިނަ އަދަދަކަށް ކަރާ ގެންނަ ރަށްތަކަކީ ކަނޑޫދޫ، ކ. ކާށިދޫ އަދި ލ. އަތޮޅުގެ ބައެއް ރަށްތަށް ހިމެނެއެވެ. މި ރަށްރަށުގައިވެސް ކަރާ ދަނޑުތައް ހެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.