ޚަބަރު

އެމްއެމްޕީއާރުސީގެ ފައިސާލިބުނު މީހުންނަށް ދައުވާކުރުމާއި މެދު ގޮތެއްނިންމުން އަވަސް ކުރަނީ


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާލިބުނު މީހުންގެ ލިސްޓްގައި ހިމެނޭ ދައުލަތުގެ އިދާރާތަކުގެ އިސްމަޤާމުތަކުގައި ތިބި ފަރާތްތަކާމެދު ދައުވާކުރުމާގުޅޭގޮތުން ވީހާވެސް އަވަހަށް ގޮތެއް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ޕްރޮސިކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާކުރުމާއި ގުޅޭކަންކަން ބާރު ސްޕީޑެއްގައި ކުރިއަށްދިއުމަށްފަހު މިހާރުވަނީ މަޑުޖެހިފައި ކަމަށެވެ. ނަމަވެސް މިހާރު އެމަސައްކަތް އަލުން ފެށުމުގެ ގޮތުން، އެމްއެމްއޭގެ ގަވަރުނަރާއި، އޭސީސީގެ އިސްވެރިންގެ އިތުރުން ކަމާގުޅުހުހުރި އިދާރާތަކާއި ބައްދަލުކޮށް މަސައްކަތް ކުރިއަށްގެންދާނެ ގޮތަކާއި ގުޅޭގޮތުން މިހާރު މަޝްވަރާކުރައްވަމުންދާކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުން ވިދާޅުވެފައި ވާއިރު، ޕީޖީ ވިދާޅުވީ ގިނަ ބަޔަކާއިމެދު ކުރެވޭ މިތުހުމަތާއި ގުޅިގެން ވަކި ބަޔަކަށް ޓާގެޓްކޮށްގެން ދަޢުވާކުރުންވެސް އެންމެ ރަނގަޅުކަމަކަށް ނުވާނެކަމަށެވެ. އެހެން ނަމަވެސް މިމައްސަލާގައި ތުހުމަތުކޮށްފައިވާ މީހުންގެ ތެރެއިން އޭރުވެސް އަދި މިހާރުވެސް ދައުލަތުގެ އެކި މަޤާމުތަކުގައި ތިބި މީހުންގެ މައްސަލަތައް ވީއެންމެ އަވަހަކަށް ކޮޅެއްގައި ޖައްސައި އެކަން ނިންމަން ޖެހޭކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

"މިސާލަކަށް އެބައުޅޭ ސިފައިންނާއި ފުލުހުންނާއި، އެބައުޅޭ ބައެއްކަހަލަ ކޮމިޝަންތަކުގެ މެންބަރުންނާއި، އެހެންވީމަ އެކަހަލަ މުއައްސަސާތަކުގައި ތިބި މީހުންގެ ކަންތައްތައް ވީހާވެސް އަވަހަކަށް އަޅުގަނޑުމެން ކޮޅެއްގައި ޖައްސަން އެބަޖެހޭ އެމީހުންގެ މައްޗަށް ތުހުމަތު އުފެދޭގޮތަށް އެގޮތަށް ބާއްވައިގެން ގެންދިޔައިމަ މުޅި ނިޒާމާއި ދޭތެރޭގައި މީހުންގެ އިތުބާރު ގެއްލޭގޮތްވޭ" ޝާމީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ މައްސަލަތައް ކުރިއަށް އޮތްތަނުގައި ހަލުވިކަމާއެކު ކުރިއަށްގެންދަވާނެކަން ފާހަގަކުރައްވަމުން ޝާމީމް ވިދާޅުވީ، މިކަމުގައި ހިމެނޭ މީހުންގެ މައްޗަށް ދަޢުވާނުކޮށް ލިސްޓެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ދައުވާ ކުރުމާއިމެދު ވަކިގޮތަކަށް ނިންމަން ވަކިތާވަލެއްގެ ދަށުން މިހާރަށްވުރެ ހަލުއިކޮށް އެމަސައްކަތް ކުރައްވާނެކަމަށެވެ.

"ތި ވިދާޅުވާ ލިސްޓް، އަޅުގަނޑު ބޭނުންވަނީ މި ލިސްޓެއް ގޮތަށް ނޯވެ، އެއަށް ގޮތެއް ނިންމަން. ކޮންމެސް އެއްގޮތަކަށް ނިންމަން. ދަޢުވާކުރަންޏާކުރަން، ނުކުރަންޏާ ނުކުރަން، މީހެއްގެ ބޮލުގައި އެވަރުގެ ތުހުމަތުތަކެއްް އަޅުވައިގެން އެހެން ދެމެހެއްޓުމަކީ ރަނގަޅުކަމެއް ނޫން އަޅުގަނޑު ބޭނުންވަނީ އެކަމަށް ގޮތެއް ނިންމަން" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ތުހުމަރުކުރެވޭ މަޖިލީހުގެ މެމްބަރުންގެ ނަންތައް ހާމަކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ކަމާ ގުޅޭ އިދާރާތަކުގައި އެދިވަޑައިގެންފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.