ޚަބަރު

ފިލްމު ”ނޮވެމްބަރ“ ގެ ޕޯސްޓަރު ދައްކާލައިފި


ކާމިޔާބު ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަރޓެއިންމެންޓުން މިއަހަރު ގެނެސްދިނުމަށް ހަމަޖެހިފައިވާ ފުރަތަމަ ފިލްމް "ނޮވެމްބަރ"ގެ ޕޯސްޓަރު ދައްކާލައިފިއެވެ.

މި ފިލްމުގެ ހިތްގައިމު ޕޯސްޓަރުން ފެނިގެންދަނީ ފިލްމުގެ ބޮޑު ބައެއް ޝޫޓްކޮށްފައިވާ ސިންގަޕޫރުގެ ބިޔަ އިމާރާތްތަކެއް ފިލްމުގެ ލީޑް ދެ ތަރިންގެ ޓްރާންސްޕޭރެންޓް ސިލުއެޓް ފޮޓޯއެއްގެ ތެރެއިން ފެންނަ ގޮތަށެވެ. އިއްޔެ ހެނދުނު 10ޖެހި އިރު ނެރުނު މި ޕޯސްޓަރަށް ދިވެހި ފިލްމަށް ލޯބިކުރާ ފަރާތްތަކުން އަންނަނީ ތައުރީފުކުރަމުންނެވެ.

އަސަރުގަދަ ލޯބީގެ ވާހަކައަކަށް ބިނާކޮށް ކުޅެފައިވާ މި ފިލްމުގެ ލީޑް ރޯލު ކުޅެފައިވަނީ ޑާކްރެއިންގެ އެންމެ މަގްބޫލު ޖޯޑު ޖުމައްޔިލް ނިމާލާއި މަރިޔަމް މަޖުދާއެވެ. މި ދެތަރިންގެ އިތުރުން އައިޝަތު ޔާދާވެސް ކާސްޓުންގެ ތެރޭގައި ފެނިގެންދާނެކަމަށް ޑާކްރެއިން ބުނެއެވެ. އަދި މީގެއިތުރުން ފިލްމުން މަޝްހޫރު ޕްރެޒެންޓަރ މުސާ ވަސީމާއި މަޝްހޫރުލަވަކިޔުންތެރިޔާ މޭނާ ހައްސާނުގެ ވެސް ރޯލެއް މި ފިލްމުގައި ހިމެނެއެވެ.

މި ފިލްމަކީ ވަރަށް ތަފާތު ރީތި ފިލްމަކަަށް ވާނެކަމަށް ބެލެވޭއިރު، މި ފިލްމުގެ މުހިއްމު ރޯލަކުން ރާއްޖޭގެ ލެޖެންޑްރީ އެކްޓަރ އިސްމާއިލް ވަޖީހާއި އޭނާގެ ދަރިފުޅު ތަރީޝް އިސްމާއިލްވެސް ފެނިގެންދާނެއެވެ.

އައިޝަތު ފުއާދާއި އަހްމަދު ތޮލާލްގެ ސްކްރިޕްޓެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ މާލޭގައެވެ. މިހާރު ފިލްމުގެ ޝޫޓިންތައް ވަނީ ސިންގަޕޫރުގައިވެސް ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން ފިލްމުގެ ބައެއް މަންޒަރުތައް އަތޮޅުތެރޭ ބައެއް ރަށްރަށުގައިވެސް ވަނީ ކުޅެފައެވެ. މިގޮތުން މި ފިލްމުގެ މުހިންމު މަންޒަރުތައް، ލ. އަތޮޅުގެ ފޮނަދޫ، ކައްދޫ އަދި މާންދޫގެ އިތުރުން އައްޑޫ ސިޓީ، ކ. ތުލުސްދޫ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނަގާފައިވެއެވެ. އަދި މި ފިލްމުގެ ޝޫޓިންގ މަންޓާ އެއަރގެ ފްލައިޓެއްގައިވެސް ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

"ނޮވެމްބަރު"ގެ ޑައިރެކްޓަރަކީ މިހާރު ރާޢްޖޭގައި ހުރި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރ އަލީ ޝިފާއު (ޗިއްޕެ) އެވެ. އަދި ފިލްމް ޕްރޮޑިއުސަރުންނަކީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ މުޙައްމަދު ޢަލީ( މޮގާ ) އާއި އައިޝަތު ފުއާދެވެ.

މި ފިލްމް އަޅުވާނެ ވަކި ތާރީޚެއް އަދި ފައިނަލްކޮށްފައި ނުވިނަމަވެސް ޑާކްރެއިންއިން އަންނަނީ އަންނަ ޖުލައި މަހު މި ފިލްމް އަޅުވަން މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މެދުކެނޑުމެއްނެތި 13 އަހަރު ޚިދުމަތްކޮށްފައިވާ ޑާކްރެއިންއިން ވަނީ މިދިޔަ 13 އަހަރު ދުވަހުގެ ތެރޭގައި ބެލުންތެރިންނަށް މަޤުބޫލު ފިލްމްތަކެއް ގެނެސްދީފައެވެ.

"ނޮވެމްބަރ" ގެ އިތުރުން "ބަޅިދު" އަދި "ބައިސާ"ގެ ޕްރޮޑަކްޝަންގެ މަސައްކަތްވެސް ޑާކުރެއިން އިން ދަނީ ކުރަމުންނެވެ.