ކުޅިވަރު

ދެ ލެގުގެ އެގްރިގޭޓުގެ ލަނޑުގެ ތަފާތުން ކުރި ހޯދައި މާޒިޔާ ޕްލޭ އޮފް ބުރަށް


އަވޭގޯލުގެ ތަފާތުން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބަލިކޮށް އޭއެފްސީ ކަޕުގެ ޕްލޭއޯފް ބުރުން ރާއްޖޭގެ މާޒިޔާ ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމު ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. ޑާކާގައި މީގެ ހަފުތާއެއްގެ ކުރިން ކުޅުނު މެޗު ނިމުނީ 2-2އިން އެއްވަރުވެގެންނެވެ. މިއަދު ހަވީރު މާލޭގައި ކުޅުނު މެޗު ނިމުނީ ދެ ޓީމުކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މިހެންވެ މާޒިޔާ ޕްލޭއޯފަށް ދަތުރުކުރީ އަވޭގޯލުގެ ތަފާތުންނެވެ.

މިއަދުގެ މެޗުގައި އެންމެ ފޯރިގަދަވީ މެޗު ނިމެންދަނިކޮށެވެ. އަބަހާނީގެ ކުޅުންތެރިއަކު ބޭރުވި ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައި މާޒިޔާގެ ކޯޗު މާޔަން ސެކުލޮސްކީއާ މައްސަލަ ޖެހި އެކަން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެގެންދިޔަ އެވެ. މިކަންތައްގަނޑުގައި ދެ ޓީމުގެ ގިނަ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވި އެވެ. މެޗަށް އިންސާފުކޮށްދިން ސިންގަޕޫރުގެ ރެފްރީން ދަނޑުން ފޭބީ ރެފްރީންގެ އެހީގަ އެވެ.

މި މެޗުގައި ލަނޑު ޖަހަން މާޒިޔާ އަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި އިބްރާހީމް އައިސަމް ދިން ދެ ބޯޅަ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ސެޓަވާޓް ކޯނެލީސް އަށް ގޯލަކަށް ބަދަލުކޮށްނުލެވުނެވެ. އަދި ފަހުހާފުގައި ގޯލުޖަހަން ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ތިން ފުރުސަތު ލިބި ބޭކާރުވި އެވެ. އަދި ބިދޭސީ ޑިފެންޑަރު މުހައްމަދު ޝަރީފް މުޅިން ހުސްކޮށްހުރެ ބޮލުން ޖެހި ބޯޅަ ވެސް ދިޔައީ ބޭރަށެވެ.

މެޗުގައި ޑާކާ އަބަހާނީގެ އެންމެ ނުރައްކާތެރި ހަމަލާއަކަށްވީ ފަހުހާފުގައި ކުޅެންނުކުތް ނުކުތް ރުބެލް މިޔާ ފޮނުވާލި ބޯޅަ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި ކުޅުންތެރިންތަކުގެ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅޭނީ ޓީސީ ސްޕޯޓްސް އެވެ.