ޚަބަރު

ބޯޓެއް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކުން އެކަމަށް ސަމާލުވުމަށް އަންގައިފި


މާލެ އަތޮޅު ގިރާވަރުގެ އުތުރު ކަނޑުން "ބަރޯސާ" ނަމަކަށް ކިޔާ ބޯޓެއް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރައްވާ ކަނޑު އުޅަނދުތަކުން އެކަމަށް ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

މި ބޯޓް އޮޔާދަނީ މާލެ އަތޮޅު ގިރާވަރު ކަނޑުން ހުޅަނގަށް ކަމަށްވުމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން އެކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ކޯސްޓްގާޑުން އެދެއެވެ.

އެއްވެސް މީހެއް ނެތި އެ ބޯޓު އޮޔާދާކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހަވީރު 4 ޖެހިއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ބޯޓަކީ ރާއްޖޭގެ ކުންފުންޏަކަށް ނިސްބަތްވާ ބޯޓެއްކަމަށާއި، ބޯޓު އޮޔާދާތީ، ބޯޓުގެ ވެރިފަރާތުން ދަނީ ކަފުޖަހާނެ އެހެން އުޅަނދެއް އެ ސަރަޙައްދަށް ފޮނުވުމުގެ މަސައްކަތް ކުރަމުންކަން އެނގިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި، އެ ސަރަހައްދު މޮނީޓަރ ކުރުމަށް ޓަކައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އުޅަނދެއް ވެސް އެސަރަހައްދަށް މިހާރު ދަތުރުކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.