ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ޤަވައިދަށް ފެއްތުމަށްޓަކައި ސަރުކާރުން ފަށާފައިވާ ރަޖިސްޓްރޭޝަން ޕްރޮގްރާމުގެ ދަށުން މިހާތަނަށް އެއްތިރީސް ހާސް ބިދޭސީން ރަޖިސްޓަރ ކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ޚާއްސަ ޙަރަކާތެއް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
މި ޕްރޮގްރާމުގެ ދަށުން މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ބިދޭސީން ރެގިއުލަރައިޒްކުރުމަށް ސަރުކާރުން އެކި ރަށްރަށުގައި ދަނީ މި ޕްރޮގްރާމް ހިންގަމުންނެވެ.
ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވީ ބިދޭސީން ޤަވާއިދަށް ފެއްތުމުގެ ޕްރޮގްރާމު ހުޅުވާލީ 6 މަސް ދުވަހަށް ކަމަށެވެ.
މިހާތަނަށް 31 ހާސް ބިދޭސީން މި ޕްރޮގްރާމުގެ ތެރެއިން ރަޖިސްޓްރީކުރެވިފައި ވާއިރު މިހާރުވެސް ބާރު ސްޕީޑެއްގައި މި ޕްރޮގްރާމު ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ޕްރޮގްރާމު ކުރިއަށްއޮތް ތަނުގައި ރިސޯޓުތަކުގައި ވެސް ކުރިއަށްގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ހަމަސް ދުވަސްތެރޭގައި ރަޖިސްޓްރީވުމަށް ހުޅުވާލި ޕްރޮގްރާމެއް މިއީ. މާޗް 19 އަށް ހަމަވާނެ. އަޅުގަނޑުމެން ވަރަށް މަދު ރިސޯސްތަކާއެކު މަސައްކަތް ކުރަމުން މިދަނީ. އަތޮޅުތަކުގައި މަސައްކަތްކުރާއިރު އެކި މުއައްސަސާތަކުން ގުޅިގެން މަސައްކަތް މި ކުރަނީ. " މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ މާލޭގެ އިތުރުން ހަތަރު ރަށެއްގައި މި ޕްރޮގްރާމު ކުރިއަށްގެންގޮސްފައެވެ. އެގޮތުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލާމު އަތޮޅު އަދި ކުޅުދުއްފުށީގައި ބިދޭސީން ރެޖިސްޓަރކުރުމުގެ ޕްރޮގްރާމު ކުރިއަށްގެންގޮސްފައި ވެއެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޟު ވަނީ ބިދޭސީންގެ މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ އިސްތިޢުފާ ދެއްވާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ރީ-ރެޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ.
"އަޅުގަނޑު ހިތްހަމަޖެހޭ ވަރަށް މަސައްކަތްކުރިއަށް އެބަދޭ. އަދި އިސްތިޢުފާދޭ ހިސާބަކަށް ނުދޭ." މިނިސްޓަރ ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތުގެ ނަތީޖާ އެއް އަހަރު ދުވަހުގެ ތެރޭގައި ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިދިޔަ އަހަރު ވިދާޅުވެފައެވެ.
މިހާރުވެސް ރާއްޖޭގައި ވަރކް ޕާމިޓްގައި ބަންގްލަދޭޝްގެ އެއްލައްކަ ތިރީސް ހާހެއްހާ މީހުން އުޅެމުން އެބަދެއެވެ. މީގެތެރެއިން ފަސްދޮޅަސް ހާސް މީހުންނަކީ ޤަވައިދާއި ޚިލާފަށް ރާއްޖޭފައި އުޅޭ މީހުންކަމަށް ސަރުކާރުން ބުނެއެވެ.