ޚަބަރު

އުދަ އަރައި ނ.ހޮޅުދޫގެ ބައެއް ގެތަކަށް ލޮނުވަދެ ގެއްލުންތައް ލިބިއްޖެ


ނ.ހޮޅުދޫއަށް އުދައެރުމުގެ ސަބަބުން އެރަށުގެ ބައެއް ގެތަކަށް ގެއްލުންތައް ލިބިފައިވާ ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، (އެންޑީއެމްއޭ)އިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމަތުދެއްވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ރަށްރަށް އުދައެރުމުގެ ރިޕޯޓުތައް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް ނ.ހޮޅުދޫ ފިޔަވާ އެހެން އެއްވެސް ރަށަކުން ގޭގެއަށް ލޮނުވަދެ ހިފާގެންގުޅޭ ތަކެއްޗައް ގެއްލުންވެގެން ރިޕޯޓުކޮށްފައިނުވާކަމަށް ހިސާން ވިދާޅުވިއެވެ، ހިސާން ވިދާޅުވީ ނ.ހޮޅުދޫއަށް އުދައެރުމުގެ ސަބަބުން 12 ގެއަކަށް ލޮނުވަދެ ގެއްލުންވެފައި ވާކަމަށެވެ. އަދި އެރަށު ކައުންސިލުން މިއަދު އަންނަނީ ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތްކުރަމުންކަމަށް ހިސާން ވިދާޅުވިއެވެ.

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ. އެ އިދާރާއިން ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމުގެ ފުރުސަތު މިރޭވެސް އެބައޮތްކަމަށެވެ. އަދި މާދަމާއިން ފެށިގެން ވައި މަޑުވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓު އޮފީހުން ވިދާޅުވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްރަށުގެ ގޮނޑުދޮށުން ބޮޑުބައެއް ގިރައިގެން ދިޔުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އުދައިގެ އަސަރުކޮށްގެން ރަށްރަށުގެ ހޭޅިފަށުގައި ހެދިފައިހުރި ބޮޑެތި ރުއްގަސް މޫދަށް ވެއްޓުމުގެ މައްސަލަތައް އިތުރަށް ދިރާސާކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އަންނަނީ އެކި ރަށްރަށުގައި މިހާރު ސާވޭތައް ކުރަމުންނެވެ.