ޚަބަރު

މިއަދަކީ ބަރަކާތްތެރި ފިތުރު ޢީދު ދުވަސް


ރަމަޟާން މަސް ފާއިތުވެދިޔަ ނަމަވެސް، ކޮންމެ ތަނެއްގައި ވިޔަސް، ކޮންމެ ވަގުތެއްގައި ވިޔަސް ﷲ އަށް ތަޤުވާވެރިވެ، ހަމައެކަނި ރަމަޟާން މަހުގެ އަޅުކަން ކުރާ ބަޔަކަށް ނުވުމަށް މިއަދުގެ ޢީދު ނަމާދު ޚުޠުބާގައި އެންމެހާ މުސްލިމު އަޚުންނާއި އުޙުތުންނަށް ގޮވާލައިފިއެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިއަދުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި މާފަންނު ސްޑޭޑިއަމްގައި ކުރުން ކެންސަލުކުރި ނަމަވެސް، މާލެއާއި އަތޮޅުތަކުގެ ބޮޑެތި މިސްކިތްތަކުގައި ޢީދު ނަމާދު ވަނީ ކޮށްފައެވެ. މިއަދުގެ ޢީދު ނަމާދު ޚުޠުބާގައި ރަމަޟާން މަހަށްފަހު ޝައްވާލު މަހުގައި 6 ރޯދަ ހިފުމަށް ޝަރުތު ކުރައްވާފައިވާކަން ފާހަގަކުރައްވައި، ﷲގެ ޙަޟުރަތާ ގުޅުންކެނޑިގެން ނުދިއުމަށާއި، އެއް އަޅުކަން ނިންމާ އަނެއް އަޅުކަމުގެ ތެރެއަށް ވަނުމަށް އެންމެހާ މުސްލިމުންނަށް ވަނީ ގޮވާލާފައެވެ. އަދި ރަމަޟާން މަސް އަޅުގަނޑުމެންނާ ވަކިވެ ހިނގައްޖެކަމަށާއި، އެ މަސް އަޅުގަނޑުމެންނާއި ވަކިވެގޮސްފައިވަނީ އަޅުގަނޑުމެންގެ މައްޗަށް ހެކިދޭ ހެކިވަރެއްގެ ގޮތުގައިކަން އިޝާރާތްކުރައްވާ، ރަނގަޅަށް ރޯދަ ނުހިފައި، ރޯދައަށް އިޙްތިރާމުނުކޮށް އުޅުނު މީހުންގެ ޙާލާއި މެދު މިއަދުގެ ޚުޠުބާގައި އަލިއަޅުވާލާފައިވެއެވެ.  ޢީދު ދުވަހު އަޅުގަނޑުމެންގެ އިންސާނިއްޔަތުކަން ފާޅުވެގެންދާން ޖެހޭނެކަމަށާއި، ކޮންމެ މުސްލިމަކުވެސް އޭނާގެ އަޚު މުސްލިމަށް ޢީދު ތަހުނިޔާ ކިޔައި، ތަހުނިޔާ ބަދަލުކުރަންވާނެކަން ފާހަގަކޮށް، އެކަމުގެ މާތްކަމުގެ މައްޗަށްވެސް މިއަދުގެ ޚުޠުބާގައި ބަލާލާފައިވެއެވެ.  ޣައިރު މުސްލިމުންގެ ޢީދުތަކާއި ޚިލާފަށް އިސްލާމީ ޢީދުތަކަކީ މާތް ﷲ ޝަރްޢު ކުރައްވާފައިވާ އަޅުކަމާ ވިދިގެން އަންނަ ޢީދުތަކެއްކަން ފާހަގަކުރައްވައި، މިއަދުގެ ޚުޠުބާގައި މިދުވަސްތައް ބަދަލުކުރުމުގެ ބާރު އެހެން އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމަށާއި، މިޢީދުތައް އިތުރު ކުރުމުގެ ޙައްޤުވެސް އެހެންފަރާތަކަށް ލިބިފައިނުވާކަމަށް ބުނެފައިވެއެވެ. އަދި ފިޠުރު ޢީދަށް ބަލާއިރު، އެއީ މާތް ﷲ ފަރްޟު ކުރެއްވި ރަމަޟާން މަހުގެ ރޯދައާއި ގުޅިފައިވާ ޢީދެއްކަމަށާއި، މާތް ﷲ މިޢީދު ލެއްވީ މުއުމިނުންނަށް އެކަލާނގެ ރަމަޟާން މަހުގައި ދެއްވި ތަޢުފީޤަށްޓަކައި ޝުކުރުކޮށް އުފާކުރުމަށްކަމަށް ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ އިސްލާމީ ޢީދުތަކަކީ ރަޙްމާނުވަންތަ ﷲގެ މެހްމާންދާރީގެ ދުވަސްތަކެއް ކަމަށާއި، މި ދުވަސްތަކުގައި މާތް ﷲ ގެ މަތިން ހަނދުމަކޮށް، އިސްރާފުކުރުމެއް ނެތި ކެއުމާއި ބުއިމާއި، ދީނުގައި ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި އުފާފާޅުކުރުމަށް އެންމެހާ މުސްލުމުންނަށް ވަނީ ގޮވާލާފައިއެވެ. އަދި އިސްލާމްދީނުގައި ޢީދުތައް ޝަރްޢު ކުރައްވާފައިވަނީ ހަމައެކަނި އުފާފާޅުކޮށް މަޖާކުރުމަށް ނޫންކަމުން، އިސްލާމީ މުޖްތަމަޢުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް މަސައްކަތްކޮށް، އިސްލާމީ އުޙުއްވަތްތެރިކަން ދަމަހައްޓާއި، މުސްލިމުންގެ މެދުގައި ހެޔޮ ފޯރުވުމުގެ ރަނގަޅު އާދަ ފެތުރުމަށްވެސް މިއަދުގެ ޢީދު ޚުޠުބާގައި ގޮވާލާފައިވެއެވެ.