ޚަބަރު

ޝިފްލާ އާއެކު 15 ބޭފުޅެއްގެ ނަން ބޮރޯޑްކޮމްއަށް


ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މަޤާމަށް ޝިފްލާ އިބްރާހީމާއެކު 15 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކުގެ ތެރޭގައި މީގެކުރިންވެސް ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ހުށަހެޅުއްވި ބައެއް ބޭފުޅުންގެ ނަންފުޅުތައް ހިމެނެއެވެ. އޭގެތެރޭގައި ޝިފްލާ އިބްރާހީމާއި، އާމިނަތު އަމީނާއާއި، އަޙްމަދު ފައިރޫޒް ހިމެނިވަޑައިގަންނަވައެވެ.

ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއިބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރަކު އައްޔަންކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ ނަންތަކެއް މަޖިލީހަށް ފޮނުއްވާފައިވަނީ ބްރޯޑްކާސިންގ ކޮމިޝަންގެ ނާއިބު ރައީސް ފާޠިމަތު ޒައިނާ މަޤާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމުންނެވެ.

މިމަޤާމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި އެއްވެސް ބޭފުޅަކު ބްރޯޑްކޮމްގެ މެންބަރުކަމަށް ޢައްޔަން ކުރުމަށް ނުފެންނަކަމަށް މިނިވަން މުވައްސަސާތަކާއިބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.

ކޮމިޓީން މިގޮތަށްނިންމުމާއި ގުޅިގެން އަލުން މިމަޤާމަށް ރައީސުލްޖުމްހޫރިއްޔަގެ އޮފީހުން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ ތެރެއިން 3 މެމްބަރަކު ވަކި ކުރުމާއި ގުޅިގެން އެމަޤާމުތަކަށް ބޭފުޅުންވަނީ ހަމަޖައްސާފައެވެ. އެގޮތުން ކޮމިޝަނަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މަރިޔަމް ވަހީދާއާއި އަޙްމަދު ޤައިޞްގެ އިތުރުން އަލީ ޔޫސުފްއަށް. ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަޤާމު މިހާރު ފުރުއްވަމުންދަނީ މަރިޔަމް ވަހީދާއެވެ.