ޚަބަރު

"ރަށްވެހި ފަތިސް" އެއްވަގުތެއްގައި މުޅި ރާއްޖޭގައި އެމްޑީޕީން ކެމްޕެއިން ފަށަނީ


ޖަޒީރާ ރާއްޖެ "ރަށްވެހި ފަތިސް" މި ޝިއާރުގެ ދަށުން ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ހަރަކާތް އެއް ވަގުތެއްގައި މުޅި ރާއްޖޭގައި ފަށަން އެމްޑީޕީން ނިންމައިފިއެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިންތައް ރަސްމީކޮށް ފެށުން އޮންނާނީ މިމަހުގެ 21 ވާ ހުކުރު ދުވަހުއެވެ.

އެމްޑީޕީގެ 168 ވަނަ ޤައުމީ މަޖިލިސް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕާޓީގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންވެސް ކުރިއަށް ގެންދަވާނީ އެހެން އިންތިޚާބުތަކާއި އެއްގޮތަށް އިންތިޚާބުން މޮޅުވާގޮތަށް ކަންކަން ރާވައިގެންކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ޤާނޫނުން ލިބިގެންދިޔަ އިތުރު ބާރުތަކާއި، ލިބިގެންދިޔަ ބޮޑު ބަޖެޓާއެކު ކައުންސިލްތައް ހިންގަންވާނެ ގޮތް މި ކެމްޕެއިންގެ ޒަރިއްޔާއިން ރައްޔިތުންނަށް އޮޅުންފިލުވައިދޭންވާނެކަމަށެވެ.

ކައުންސިލްތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން މެނޭޖަރ އަޙްމަދު ޝާހިދު ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ޕޯސްޓަރު ނެރުމަށް ޕޯސްޓަރ އިވެންޓްގެ ގޮތުގައި ހާއްސަ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު އޮންނާނެކަމަށެވެ. ޝާހިދު ވިދާޅުވީ އެދުވަހުގެ ހެނދުނު 9 އެއްގައި މުޅި ރާއްޖޭގައި އެމްޑީޕީން އެކި ދާއިރާތަކަށް ވާދަކުރާ ހުރިހާ ކެނޑިޑޭޓުންގެ ޕޯސްޓަރުތައް ހަރުކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ޝާހިދު ވިދާޅުވީ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ބާއްވާ ހަރަކާތް މިމަހުގެ 21 ވަނަ ދުވަހު ފެށޭނީ މުޅި ރާއްޖޭގައި އެއްވަގުތެއްގައި ބާއްވާ ޖަލްސާއަކުން ކަމަށެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުހައްމަދު ނަޝީދުގެ ހާއްސަ ވާހަކަކޮޅެއް ހުރިހާ ރަށަކަށް ވަގުތުން ފެންނާނެ އިންތިޒާމު ހަމަޖައްސާފައިވާނެކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބުކުރަންޖެހޭއިރު 16 ގޮނޑިއަކަށް ފިޔަވާ ހުރިހާ ގޮނޑިއަކަށް އެމްޑީޕީން ވާދަކުރާކަން އެޕާޓީން ވަނީ އިޢުލާންކޮށްފައެވެ.
އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅިފައިނެތް ގޮނޑިތަކަށް ކެންޑިޑޭޓުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޕާޓީން ބުނެއެވެ.