ޚަބަރު

ވޯޓާސް ރަޖިސްޓްރީއަށް ބަދަލުގެނެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި


ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އިސްލާޙް ކުރުމަށްފަހު އަނެއްކާވެސް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް ޢާންމު ކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުންވަނީ ބަދަލު ގެނައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 22 ވަނަދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.

އީސީން ބުނީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންކަމަށެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒުން ޝަކުވާ ބަލައިގަންނާނެއެވެ. އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އީސީން ބުނެއެވެ

އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އެކުލަވާލި ވޯޓާސް ލިސްޓަށް ވަނީ 373 ޝަކުވާއެއް ހުށައަޅާފައެވެ. އެ ފުރުޞަތުގައި ގިނައިން ހުށައަޅާފައި ވަނީ އެޑްރެސް ބަދަލުވެފައިވުމާއި މަރުވެފައިވާ މީހުންގެ ނަންތައް ވޯޓާސް ލިސްޓުގައި ހިމެނިފައި ވުމުގެ ޝަކުވާތަކެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓާސް ލިސްޓްގައި ނަން އޮތްތޯ ބަލައި، އެއްވެސް މައްސަލައެއް އުޅޭނަމަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެކަމެއް ހުށައެޅުމަށް އެދިވަޑައިގެންފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 4 ގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ކައުންސިލްތަކުގެ އުމުރު 3 އަހަރުން 5 އަހަރަށް މިހާރު ވަނީ އިތުރުކޮށްފައެވެ.

އަދި ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްގެ ރައީސްއާއި، ރަށު ކައުންސިލްގެ ރައީސުން ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިޚާބުކުރަންޖެހޭގޮތަށް ވަނީ ޤާނޫނަށް ބަދަލުގެނެސްފައެވެ. އަދި މި އިންތިޚާބުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތަކެއްވެސް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.