ވިޔަފާރި

5 މިލިއަން ރުފިޔާއަށްވުރެ ކުޑަ މަޝްރޫޢުތައް ހިންގަންޖެހޭނީ ރަށު ކައުންސިލުން


ރަށެއް، އަތޮޅެއް ނުވަތަ ސިޓީ ކައުންސިލެއް މެދުވެރިކޮށް ޤައުމީ އިދާރާތަކުން ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިއަށްގެންދެވޭނެ ގޮތުގެ އުސޫލު އާއްމުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރައްވާފައިވާ އުސޫލުގައިވާ ގޮތުން ޤައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ކަނޑަޅާ ޕީ.އެސް.އައި.ޕީ މަޝްރޫޢުގެ ތެރެއިން، އެ މަޝްރޫއެއްގެ އަގު 5 މިލިއަން ރުފިޔާއަށްވުރެ ދަށުގެ މަޝްރޫޢުތައް ހިންގަންޖެހޭނީ ނަމަ އެ ރަށެއް ނުވަތަ އަތޮޅެއްގެ ކައުންސިލާ ޙަވާލުކޮށްގެނެވެ. އަދި އަތޮޅެއްގެ އެއްރަށަށްވުރެ ގިނަ ރަށްރަށުގައި ހިންގާނެ މަޝްރޫއެއް ހިންގަންވާނީ އެ އަތޮޅެއްގެ އަތޮޅު ކައުންސިލާ ޙަވާލުކޮށްގެންކަމަށްވެސް މިއުސޫލުގައިވެއެވެ. އަދި ސިޓީތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން 15 މިލިޔަން ރުފިޔާއަށް ވުރެ ބޮޑު ނޫން މަޝްރޫއުތައް ހިންގަންވާނީ ސިޓީ ކައުންސިލާ ހަވާލުކޮށްގެންކަމަށްވެސް މިއުޞޫލްގައި ބުނެފައިވެއެވެ. އަދި މިއަގުތަކަށްވުރެ ބޮޑެތި މަޝްރޫއުތައް ކައުންސިލްތައް މެދުވެރިކޮށް ކުރިއަށްގެންދާނަމަ ޤައުމީ އިދާރާއަކުން ކަނޑައަޅާ އުޞޫލްގެ ދަށުން ކައުންސިލާ ހަވާލުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސްއިން އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ކައުންސިލްތަކާ ޙަވާލު ނުކުރެވޭނީ ދިފާޢީ ބާރުތަކުން ހިންގާ ޤައުމީ ސަލާމާތާއި ގުޅުން ހުރި މަޝްރޫޢުތައް އެކަންޏެވެ. ޤައުމީ ސަލާމަތާ ގުޅުން ހުރި މަޝްރޫއުތައް ކުރިއަށްގެންދަން ޖެހޭނީ އެ މަޝްރޫއު ރާވާ ޤައުމީ އިދާރާއަކުންކަމަށް ފިނޭންސްއިން ވިދާޅުވެއެވެ.

ލާމަރުކާޒީ ޤާނޫނަށް ސަރުކާރުން ވަނީ ބޮޑެތި އިސްލާޙުތަކެއް ގެނެސް، ލޯކަލް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީފައެވެ. އަދި ކައުންސިލްތަކަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާއިރު، ރަށްރަށުގައި ހިންގާނެ މަޝްރޫޢުތައް ކަނޑައެޅުމުގެ ބާރުވެސް ވަނީ ކައުންސިލްތަކަށްދީފައެވެ.