ގުޅީފަޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޓްރާންސްޝިޕްމަންޓް ބަނދަރަށް 300 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވެއްޖެއެވެ.
ގުޅީފަޅުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ މުހިއްމު ވަޢުދުފުޅެކެވެ.
ގުޅީފަޅު ބަނދަރުގެ މަސައްކަތްތަކާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވީ ޓްރާންސްޝިޕްމަންޓް ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ފަންޑު އިންޑިއާގެ އެގްޒިމް ބޭންކުން ހަމަޖެހިފައިވާކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ޕްރޮޖެކްޓް ރިޕޯޓް ނިމޭނެކަމަށާއި މިއަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ތެރޭގައި ގުޅީފަޅު ބަނދަރުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ގުޅީފަޅުގައި އިރާދަކުރެއްވިއްޔާ ބަނދަރު ތަރައްޤީކުރުމަށް ދިރާސާކުރުމާއި ޑިޒައިންކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދަނީ. އަޅުގަނޑުމެންނަށް އިންޑިއާގެ އެކްޒިމް ބޭންކުން ވަނީ ފަންޑު ހަމަޖެހިފަ. މިމަސް ނިމެންވާއިރަށް ޕްރޮޖެކްޓް ރިޕޯޓް އަޅުގަނޑުމެންނާއި ހަމައަށް ކޮންސަލްޓެންޓުން ދޭނެ. އަހަރުގެ މެދުތެރޭގައި ޕްރޮޖެކްޓު ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވޭނެ. އަދިފަހު ކުއާރޓަރުގައި ޢަމަލީ މަސައްކަތް ފެށޭނެ." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ގުޅިފަޅުގައި ތަރައްޤީކުރާ ބަނދަރު ވެގެންދާނީ ސަރަޙައްދީގޮތުން ވެސް ފާހަގަކޮށްލެވޭ ޒަމާނީ ބަނދަރަކަށް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ބަނދަރު ނިމުމާއެކު ހިންގުމުގެ މަސައްކަތް ހަވާލުކުރާނީ މިހާރު ވެސް މާލޭ ވިޔަފާރި ބަނދަރު ހިންގާ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއިކަމަށެވެ.
" އަޅުގަނޑުމެން ބޭނުންވަނީ މިކަން %100 އެމްޕީއެލްގެ އޯނަރޝިޕްގައި ކުރަން. އެހެންނަމަވެސް މެނޭޖްކުރުމަށް ބޭރުގެ ކޮންސަލްޓެންޓުން ހޯދަން ގަސްތުކުރަން." މިނިސްޓަރ ވިދާޅުވިއެވެ.
މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރީ ސަރުކާރުން ނިންމީ ތިލަފުށީގައި ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްޤީކުރުމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ވަނީ މާލެ ކައިރި ގުޅިފަޅުގައި ބަނދަރު ތަރައްޤީކުރުމަށް ނިންމާފައެވެ.
މިނިސްޓަރ ވިދާޅުވީ އޭރުގެ ސަރުކާރުން ބަނދަރު ހެދުމަށް ރިޕޯޓްތަކެއް ހަދާ ޗައިނާގެ ދެ ކުންފުންޏަކަށް ބަނދަރު ދިނުމަށް ނިންމާ އެޑްވާންސަށް ފައިސާ ވެސް ނެގި ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން މިނިންމުން ބަދަލުކޮށް މި ކުންފުނިތަކަށް ފައިސާ އަނބުރާ އަދާކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" ބޭރުގެ ފަރާތްތަކާއެކު ޕޯޓު އިންވެސްޓްމަންޓްކުރަން ދޫކުރަން ޕްރިލިމިނަލީ އެމްއޯޔޫ ތަކުގައި ސޮއިކުރެވިފައި އެބަހުރި. ޗައިނާގެ ދެ ޕާޓީއަކާއެކު ވަނީ އެންއޯޔީގައި ސޮއިކުރެވިފަ. " މިނިސްޓަރ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ މިއަހަރުގެ ތެރޭގައި ބަނދަރުގެ މާސްޓަރޕްލޭންގެ މަސައްކަތް ނިންމައި ޢަމަލީ މަސައްކަތް ފަށާނެކަމަށް ވިދާޅުވެފައެވެ. ގުޅީފަޅު ޕޯޓު ތަރައްޤީކުރުމަކީ މިއަހަރަށް ސަރުކާރުން ބަޖެޓުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން މުހިއްމު މަސައްކަތެކެވެ.
މި ބަނދަރާއެކު ރާއްޖެއަށް މުދާ ގެންނަން ކުރަންޖެހޭ ޚަރަދު ކުޑަވެ، މުދާ އަރުވާ ބޭލުމުގައި ދިމާވެފައިވާ ދަތިތައް ހައްލުވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.