ޚަބަރު

ކާނިވާ ސަރަޙައްދުން ބަހުގައި ހުޅުމާލެއަށް ދެވޭނެ


ހުޅުމާލެއާއި މާލެއާއި ދެމެދު ބަސްދަތުރު ކުރުމަށް ހެންވޭރު ކާނިވާ ސަރަޙައްދުގައި ހެދި ރޫޓަށް ބަސް ދަތުރުތައް ފަށައިފިއެވެ. އެސަރަޙައްދަށް ބަސްދަތުރުތައް ރޭގަނޑު 12 ޖަހަންދެން ކުރާނެއެވެ.

ކާނިވާ ބަސް ރޫޓަށް ބަސްދަތުރުގެ ޚިދުމަތް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި ރޫޓަށް ދަތުރުފެށީ އެ ކުންފުނިން ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަށެވެ. ޝާހިދު އަލީ ވިދާޅުވީ މި ރޫޓަށް ހެނދުނުން ފެށިގެން ރޭގަނޑު 12 ޖަހަންދެން ބަސް ދަތުރުތައް ކުރިއަށްދާނެކަމަށެވެ. މި ރޫޓަށް ބަސް ދަތުރުކުރާނީ ކޮންމެ 20 މިނެޓަކުންނެވެ.

"މި ރޫޓަށް އަންނަ ބަސް އަރޓިފިޝަލް ބީޗް ކައިރީވެސް މަޑުކުރާނެެ. އަޅުގަނޑުމެން އެބަ މަސައްކަތްކުރަން އައިޖީއެމް ހޮސްޕިޓަލަށާއި އަދި އެދަސަރަޙައްދަށްދާ ފަރާތްތަކަށް، އައިޖީއެމް ހޮސްޕިޓަލް ކައިރީވެސް ބަސް ސްޓޮޕެއް ހަދަން." ޝާހިދު އަލީ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މާފަންނުން ދަތުރުކުރާ ރޫޓަށްވުރެ ކާނިވާރޫޓުން ހުޅުމާލެއަށް ދަތުރުކުރާ ބަސް ހުއްޓާ ސްޓޮޕްތައް މަދުވާނެކަމަށެވެ. މި ރޫޓުން ބަސް ދަތުރުކުރާ ގޮތާ ގުޅޭ އަޕްޑޭޓް މަޢުލޫމާތު ބަސް އެޕްލިކޭޝަނުންވެސް މިހާރު ފެންނަން ހުނާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މާލޭގައި ހުރި ކާނިވާ ފަދަ ހުސް ސަރަހަދުތައް އާއްމުންނަށް ވީހާވެސް މަންފާކުރާނެހެން ބޭނުންކުރުމަށް ކަމާއިގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރާކަމަށެވެ. އަދި މިހާރު ހުރި މިފަދަ ބިންތަކުގެ ޕްލޭންތައް ހަދާއިރު މާލޭގެ މަގުތަކާއި ގުޅިގެން މި އަންނަ މަސައްކަތްތައް ކުރެވޭހެން ކަންކަން ރާވާނެކަމަށް ސިފާ ވިދާޅުވިއެވެ.

"ޕަބްލިކް ޓްރާންސްޕޯޓަށް ވަރަށް ބޮޑަށް ބައްޓަންކުރެވިގެން ސިޓީ ކައުންސިލުން މާލޭގެ މަސައްކަތްތައް ކުރިއަށްގެންދަނީ. ބަސް ސްޓޮޕްތައްވެސް ކުރިން ހެދީ އަވަހަށް، އާއްމުންނަށް އެތަންތަނުން ޚިދުމަތްދޭން. ކުރިއަށް އޮތްތާނގައި މި ބަސް ސްޓޮޕްތައް އެކަށީގެންވާ ތަންތަނަށް ބަދަލުކުރާނަން." ސިފާ ވިދާޅުވިއެވެ.

މާލެއާއި ހުޅުމާލެއާއި ދެމެދު އެވަރެޖްކޮށް ދުވާލަކު ފަސްހާހެއްހާ މީހުން ދަތުރުކުރާކަމަށް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ.