ވިޔަފާރި

ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އިކޮނޮމިކް މިނިސްޓްރީގެ 2 ޚިދުމަތެއް އޮންލައިންކޮށްފި


ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އިކޮނޮމިކް މިނިސްޓްރީގެ 2 ޚިދުމަތެއް އޮންލައިންކޮށްފިއެެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޚިދުމަތާއި މިނިސްޓްރީގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކުގެ މަޢުލޫމާތު ފަސޭހަކަމާއެކު ލިބޭނެކަމަށެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރިއެއް ފެށުމުގެ ކުރިން އެ ވިޔަފާރިއަކީ ރަޖިސްޓްރީކުރެވިފައިނުވާ ވިޔަފާރިއެއްތޯ ޔަޤީންކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ލިބޭނެކަމަށް އިކޮނޮމިކް މިިނިސްޓްރީން ވިދާޅުވެއެވެ. މީގެއިތުރުން ކުންފުނިތަކުގެ ޙިއްސާދާރުންނާއި ޑިރެކްޓަރުންގެ ބޯޑުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މަޢުލޫމާތު މި ނިޒާމުގެ ތެރެއިން ބެލޭނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީގެ ދަފްތަރުގައި ވިޔަފާރިތައް ރަޖިސްޓްރީކުރުމުގެ ޚިދުމަތް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެކަމަށެވެ. މީގެ އިތުރުން މިނިސްޓްރީގެ ވިޔަފާރި ޚިދުމަތްތައް ހޯދާ ކަސްޓަމަރުންނަށް ފަސޭހައިން މަޢުލޫމާތު ދިނުމަށް މި ޕޯޓަލް މެދުވެރިކޮށް ވަރަށް އަވަހަށް ލައިވް ޗެޓް ތައާރަފްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވީ މި ޕޯޓަލްއާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ވިޔަފާރިއެއް ފެށުމުގެ ކުރިން ރާއްޖޭގައި ހުރި ވިޔަފާރިތަކުގެ މަޢުލޫމާތު ލިބުމަކީ ތަފާތު ވިޔަފާރިތައް އުފެއްދުމަށް މަގުފަހިވާނެކަމެއްކަމަށް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

" ބިޒްނަސް ރެޖިސްޓްރޭޝަންއާއި ބިޒްނަސްތަކާއި ގުޅޭ ބިޒްނަސް ޕޯޓަލްއެއް މި ލޯންޗުކުރީ. މިއިން ވަރަށް ގިނަ މައުލޫމާތުތަކަށް އެކްސަސް ވުމަށް ފަސޭހަވާނެ. އަދި އޮންލައިންކޮށް ފުރާ އެޕްލިކޭޝަންތައް ފަސޭހައިން ކުރެވޭނެ ގޮތްތައް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބިގެންދާނެ. މި ޚިދުމަތްތައް ވަރުގަދަކުރުމަށް އަޅުގަނޑުމެން މި ޕޯޓަލް ތަޢާރަފްކުރީ." މިނިސްޓަރ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ 2017 ވަނަ އަހަރުން ފެށިގެން ވިޔަފާރިއާއި ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބިޒްނަސް ޕޯޓަލްގެ ނަމުގައި ވެބްސައިޓެއް ތަޢާރަފްކޮށްފައެވެ.

މިނިސްޓްރީން މި ޕޯޓަލްއަށް އައު ދެ ޚިދުމަތް ތަޢާރަފްކޮށްފައިވާއިރު ކުރީގެ ބިޒްނަސް ޕޯޓަލް ވެބްސައިޓްގެ ބަދަލުގައި މިނިސްޓްރީން ވަނީ އައު ވެބްސައިޓެއް ވެސް ތަޢާރަފްކޮށްފައެވެ.

އަލަށް ތަޢާރަފްކުރި ޚިދުމަތްތަކާއި މިހާރު އޮންލައިންކޮށް ދެމުންގެންދާ ޚިދުމަތްތައް މިހާރުގެ ބިޒްނަސް ޕޯޓަލް (https://beta-business.egov.mv/) މެދުވެރިކޮށް އާންމުންނަށް ލިބެން ހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.