ޚަބަރު

ސުޕްރީމް ކޯޓަށް ޢާއްމުކޮށް އެންމެނަށް ޒިޔާރަތްކުރެވޭގޮތަށް އެކޯޓުން ހަމަޖައްސައިފި


ކޮންމެ މަހެއްގެވެސް ފުރަތަމަ ބުރާސްފަތި ދުވަހަކީ ސުޕްރީމް ކޯޓަށް ޢާއްމުކޮށް އެންމެނަށް ޒިޔާރަތްކުރެވޭ ދުވަހެއްގެގޮތުގައި ހަމަޖައްސައިފިއެވެ.

މިއާއެކު ކޯޓުގެ ސެކްޝަންތަކަށް ޒިޔާރަތްކޮށް ކުރާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ދިނުމާއި ޝަރީޢަތުގެ މަޖިލީހާއި ކޯޓުގެ ޢިމާރާތް ދައްކާލުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

މިއީ ރާއްޖޭގެ ކޯޓުތަކުގައި، ޚާއްސަކޮށް ސުޕްރީމް ކޯޓުގައިވެސް ޝަރީޢަތްތައް ކުރިއަށްދާ ވަގުތު ޢާންމުނަށް ޝަރީއަތުގެ މަޖިލިސް ކުރިއަށްދާގޮތް ބަލާލުމުގެ ފުރުސަތު ލިބިގެންދާ ފުރަތަމަ ފަހަރެވެ.
ސުޕްރީމް ކޯޓުން ވިދާޅުވީ ކޮންމެ މަހެއްގެވެސް ފުރަތަމަ ބުރާސްފަތި ދުވަހަކީ އޯޕަންޑޭގެ ގޮތުގައި ހަމަޖައްސައި ޢާއްމުކޮށް އެންމެނަށް ސުޕްރީމް ކޯޓަށް ޒިޔާރަތްކުރެވޭގޮތަށް ހުޅުވާލުމުގެ ގޮތުން ފުރަތަމަ އޯޕެން ޑޭ ބާއްވާނީ އަންނަ މަހުގެ ފުރަތަމަ ބުރާސްފަތި ކަމުގައިވާ މާޗް ފަސްވަނަ ދުވަހުގައި ކަމަށެވެ.

އޯޕަންޑޭ ކުރިއަށް ގެންދާނީ ތިން ސެޝަނަކަށް ބަހަލައިގެންކަމަށް އެކޯޓުން މަޢުލޫމާތުދެއްވިއެވެ.
އެގޮތުން ހެނދުނު ނުވަޔަކުން ފެށިގެން ބާރަ ޖެހުމާހަމައަށް ދިހަ ބޭފުޅަކު ހިމެނޭގޮތަށް ކޮންމެ ސެޝަނެއްވެސް ގަޑިއިރަކަށް ގެންދާނެކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ ފުރުސަތު ދެވޭނީ އެދުވަހެއްގެ ސެޝަންތައް ފެށޭ ގަޑިއަށް ފުރަތަމަ ވަޑައިގަންނަވާ ދިހަ ބޭފުޅުންނަށްކަމަށާ، ސެޝަންގައި ބައިވެރިވުމަށް ފެށޭ ގަޑީގެ ފަހުން ވަޑައިގަންނަވާ ބޭފުޅުންނަށް ކަނޑައެޅިފައިވާ ގަޑީގެ ސެޝަންގައި ބައިވެރިވުމުގެ ޖާގަ އޮތްނަމަ އެފުރުޞަތު ދެވޭނެކަމަށް ކަމަށެވެ. އަދި ފުރަތަމަ ވަދެވެންނެތް ނަމަ ދެން އޮންނަ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނެކަމަށާއި، ސެޝަން ކުރިއަށްދާ ވަގުތު ކޯޓުގައި ޝަރީޢަތެއް ކުރިއަށްދާނަމަ ޝަރީޢަތަށް ވަނުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.

ޓުއަރ އަށް ވަޑައިގަންނަވާ ބޭފުޅުން ކޯޓަށް ވަދެވޭނީ ކޯޓުގެ ހުރުމަތާ އެކަށީގެންވާ ހެދުމެއްގައި ހުރުމުންކަން ހާމަކޮށް ސުޕްރީމް ކޯޓުންވަނީ ސުކޫލް، އިންސްޓިޓިއުޝަން ނުވަތަ މަދަނީ ޖަމިއްޔާ ޖަމާޢަތްތަކުން އަދި އެހެންވެސް ފަރާތްތަކަކުން ޚާއްޞަ ޓުއަރިއަކަށް އެދިއްޖެނަމަ އެކަމުގެ އިންތިޒާމްތައް ހަމަޖެއްސޭނެކަމަށް ވިދާޅުވެފައެވެ.