ކޮމަންވެލްތުގެ މެމްބަރު 40 ޤައުމަކަށް ދިވެހިންނަށް ވިސާއާއިނުލައި މިހާރު ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ކޮމަންވެލްތުގެ މެމްބަރުކަން އަލުން ރާއްޖެއަށް ލިބުމާއެކު، އެ ޖަމާއަތުގެ މެންބަރު 40 ޤައުމަކަށް ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ. އަދި މީގެ ސަބަބުން އެގައުމުތަކަށް ދަތުރުކުރުމުގައި ދިވެހިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ކޮމަންވެލްތުގެ 54ވަނަ މެމްބަރު ޤައުމުގެ ގޮތުގައި ރާއްޖެ އަލުން އެޖަމްއިއްޔާގެ މެންބަރަކަށްވެފައިވާއިރު، މި އަހަރު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ޖަމްއިއްޔާގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ. އަދި ކޮމަންވެލްތުގެ ސަބްސިޑަރީ ޖަމްއިއްޔާތަކުގައިވެސް ދިވެހިރާއްޖެއިން ބައިވެރިވެ، ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ކޮމަންވެލްތު މެމްބަރެއްގެ ގޮތުގައި ދިވެހި ރާއްޖެ ވެފައިވާކަން ރަސްމީކޮށް އިއުލާކޮށްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.
ރާއްޖެއިން ކޮމަންވެލްތާއި ވަކިވެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތު ހިމާޔަތްކުރުމަށްކަމަށް ބުނެ 2016 ވަނަ އަހަރުގެ އޮކްޓޯބަރ 13 ވަނަ ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ.
ނަމަވެސް ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖުތަމަޢާ ދެމެދު އޮތް ގުޅުން ބަދަހިކޮށް ދިވެހިންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އެމަނިކުފާނު ވެރިކަމަށް އައުމާއެކު ކޮމަންވެލްތާއި ގުޅުމުގެ މަސައްކަތް ފައްޓަވާފައެވެ. މިއީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްވެސްމެއެވެ.