ޚަބަރު

ހުޅުމާލެ ފޭސް ދޭއްގައި ޓޯ ޔާޑެއް ހަދަނީ


ހުޅުމާލޭގައި ވަގުތީ ޓޯޔާޑެއް ހެދުމަށް ހުޅުމަލޭ ފޭސް ދޭކުން ބިން ދިނުމަށް ހަމަޖައްސައިފިއެވެ.

މި ޓޯޔާޑާކީ ހުޅުމާލެއިން ފުލުހުން ޓޯ ކުރާ އުޅަނދުތައް ޓޯކުރުމަށް ބެހެއްޓުމަށް ހަދާ ޓޯޔާޑެކެވެ.

ބިންދިނުމާއި ގުޅޭ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތިދުވަހުއެވެ. މި އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދެވެ.

ޓްރެފިކް ޤަވާއިދާއި ޚިލާފުވާ އުޅަނދުތައް މިހާރު ޓޯކުރަމުން އަންނަނީ ތައިސޭ ކޮށީގެ ބައެއްގައެވެ.

ޓްރެފިކް ޤަވައިދުތަކަށް މީހުން އަހުލުވެރިކުރުމަށް ފުލުހުން އަންނަނީ ތަފާތު ޓްރެފިކް އޮޕަރޭޝަންތައް ހިންގަމުންނެވެ. މިފަދަ އޮޕަރޭޝަންތަކުގައި އެންމެ ގިނައިން ޓޯކުރަނީ ގަވައިދާއި ޚިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކެވެ. އަދި ނަގަން ޖެހޭ ހުއްދަތައް ނުނެގުމާއި އަދި މަގުމަތީގައި ގިނަދުވަސްވެފައި ހުންނަ އުޅަނދުތައްވެސް ޓޯކުރާކަން ފާހަގަކުރެވިފައިވެއެވެ.