ޚަބަރު

އެކި ދާއިރާތަކުގެ މާހިރުންނާއިއެކު ސިލްސިލާ ޕެނަލް ޑިސްކަޝަނެއް ވިލާއިން ފަށަނީ


ރާއްޖެއަށް މުހިންމު ދާއިރާތަކުން ކަމާގުޅޭ މާހިރުން ހިމެނޭހެން ސިލްސިލާ ޕެނަލް ޑިސްކަޝަން ޕްރޮގްރާމެއް ވިލާ ފައުންޑޭޝަންގެ އެލުމްނާއި އެސޯސިއޭޝަނުން އިފްތިތާޙްކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ވިލާ ފައުންޑޭޝަންގެ ފައުންޑަރ ޤާސިމް އިބްރާޙީމްއެވެ.

ވިލާ ފައުންޑޭޝަނަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި އިފްތިތާޙްކުރި "ފިއުޗަރ މޯލްޑިވްސް އިނީޝިއޭޓިވް" ޕެނަލް ޑިސްކަޝަން ޕްރޮގްރާމަކީ ރާއްޖޭގައި ހުރި އިޖްތިމާޢީ މައްސަލަތަކާއި، އިޤްތިޞާދީގޮތުން ރާއްޖެއަށް މުހިންމު ކަންކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ މަގު ފަހިކުރުމަށް ބާއްވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި އެ މަޢުޟޫއަކާ ގުޅޭ މާހިރުންނާއި، ތަޖުރިބާކާރުން ބައިވެރިވާނެއެވެ. އަދި އެ ދާއިރާއަކާއި ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވާނެއެެވެ.

ޕެނަލް ޑިސްކަޝަންގައި ކިޔަވާކުދިންނާއި އާއްމުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާނެކަމަށް ވިލާ ފައުންޑޭޝަނުން ބުނެއެވެ. މި ޕެނަލް ޑިސްކަޝަންގައި އެކި ދާއިރާތަކުން ކިޔަވާ ކުދިންނާއި، އާއްމުންގެ ސުވާލުތަކަށް ދިރާސީ ނަޒަރަކުން އަލިއަޅުވާލެވޭނެއެވެ.

ޕެނަލް ޑިސްކަޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ 3 މަހުން 1 މަހުއެވެ.

ވިލާފައުންޑޭޝަނަކީ ދިވެހިރާއްޖޭގެ އިޖްތިމާޢީ ދާއިރާތައް ކުރިއެރުވުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ފައުންޑޭޝަނެކެވެ. ޚާއްސަކޮށް ތަޢުލީމީ ދާއިރާއާއި އެކި ދާއިރާތަކުން މީހުން ބިނާކުރުމުގައި ގިނަ މަސައްކަތްތަކެއް އެފައުންޑޭޝަނުން އަންނަނީ ކުރަމުންނެވެ.

ވިލާ ފައުންޑޭޝަންގެ 20 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ވާހަކަދައްކަވަމުން ފައުންޑަރ ޤާސިމް އިބްރާހީމް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ކުރިއެރުމަށް މަސައްކަތްކުރާ އިދާރާތަކުގެ މަތީ މަޤާމުތަކުގައި ވިލާ ފައުންޑޭޝަންގެ އެހީގައި ތަޢުލީމް ޙާސިލްކުރި ގިނަ މީހުންތަކެއް ތިބިކަމަށެވެ. މިއީ ޤައުމުގެ ކުރިއެރުމަށް އެ ފައުންޑޭޝަނުން ދެވޭ އެންމެ ބޮޑު އެހީކަންވެސް ޤާސިމް ފާހަގަކުރެއްވިއެވެ.

"ހިލޭ އެހީ އަދި ލޯން އެހީގައިވެސް ގިނަ ބަޔަކު ތަޢުލީމު ޙާސިލްކުރުމަށްވަނީ އެހީދީފައި. ލޯނެއްނަމަ ލާރި ނުދެއްކޭ ޙާލަތަށް ދިރިއުޅުމުގެ ޙާލަތު ގޮސްފިނަމަ އެ ހޯދާކަން ނޫޅޭނަން. ތަޢުލީމް ޙާސިލްކުރުމަށް 7000 އަށްވުރެ ގިނަ މީހުންނަށް މިހާރުވެސް ވިލާ ފައުންޑޭޝަންގެ އެހީ ވަނީ ދީފައި." ޤާސިމް ވިދާޅުވިއެވެ.

މީގެއިތުރުންވެސް އެކި ދާއިރާތަކުން މީހުންނަށް ތަމްރީން ދިނުމާއި، ސިއްހީ ފަރުވާ ހޯދުމަށް އެހީ ދިނުމާއި، އަދި އިޖްތިމާޢީ އެހީގެ ގޮތުގައި އެ ފައުންޑޭޝަނުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.