ޚަބަރު

ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް މިމަހު 17 ގައި ފަށަނީ


ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް މިމަހު 17ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މާލޭގެ މަގުތައް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވައްސަށް 50.96 މިލިޔަން ރުފިޔާ ޚަރަދުވާއިރު މި މަސައްކަތް ނިންމުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދީފައި ވަނީ 2 އަހަރު ދުވަހުގެ މުއްދަތެކެވެ.

ބިމުގެ އަޑިން ގޭސްހޮޅި އާއި ފަޔަރ ހައިޑްރަންޓް ހޮޅި އަޅައި، ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ތަރައްޤީ ކުރުމަށް ހަމަޖެހިފައި ވަނީ ވެސްޓް ޕާކް ސަރަހައްދެވެ. އެ ސަރހައްދުން 1.94 ކިލޯ މީޓަރުގެ 7 މަގެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ މި މާލޭގެ މަގުތައް ތައްރަޤީ ކުރުމަށް މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

މިގޮތުން މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށާއި ތިލަފުށީގައި މިހާރު ކާނުތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ރޯޑްކޯޕަރޭޝަނުން ބުނެއެވެ. އަދި މިމަހުގެ 17 ވަނަ ދުވަހު މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މާލޭގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުން 18.08 ކިލޯ މީޓަރގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގައި އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތައް ހިމަނައިގެން 416 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ހަދާމަގުތައް ހަތަރު ޑިޒައިނަކަށް ހެދުމަށް ވަނީ ނިންމާފައެވެ.

މި މަގުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ކަރަންޓާއި ފެނާ ނަރުދަމާ އާއި ޑީވޯޓަރިން އާއި އެހެނިހެން ޚިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭގޮތަށް ފަރުމާކޮށްގެންކަމަށް ސިޓީ ކައުންސިލްއިން ވިދާޅުވެއެވެ. އަދި މި މަގުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ފަޔަރ ހައިޑްރަންޓް ހޮޅި އާއި ގޭސް ހޮޅި ހިމަނައިގެންނެވެ. މާލޭގެ މަގުތައް ތަރައްޤީކުރުމަށް ޖުމުލަ 462 މިލިޔަނަށް ރުފިޔާ ޚަރަދުވެއެވެ.

އެތައް އަހަރުތަކަކަށްފަހު މާލޭގެ މަގުތައް ތަރައްޤީ ކުރަން ފަށާއިރު ފުރަތަމަ ފަހަރަށް މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢު ފަށާފައި ވަނީ ކުރީގެ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި 1987 ވަނަ އަހަރުގައެވެ.

އޭރުވެސް މި މަސައްކަތް ކޮށްފައިވަނީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ. މި މަޝްރޫޢު ފެށުމުގެ ކުރިން ތަޖުރިބާ ކުރުމުގެ ގޮތުން 1986 ވަނަ އަހަރުގެ ތެރޭ މާލޭގެ ދެ މަގެއް ތަރައްޤީ ކުރިއެވެ. އެއީ ލިލީ މަގާއި ފަނޑިޔާރު މަގެވެ. މަގުތައް ހެދުމުގެ ކުރިން އަދި ފަހުންވެސް މާލޭގެ މަގުތައް އާބާތުރަފލުވުމުގެ މަސައްކަތް ކޮށްފައިވެއެވެ.