ވިޔަފާރި

ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް އެމްސެވަން ޕްރިންޓް ހަމަޖައްސައިފި


އޯރކާ މިޑިއާ ގްރޫޕުން ކުރިއަށްގެންދާ ބިޒްނަސް އެކްސްޕޯ އަދި 'ގޯލްޑް 100 ގާލާ"ގެ ގޯލްޑް ޕާޓްނަރަކަށް އެމް-ސެވަން ޕްރިންޓް ހަމަޖައްސައިފިއެވެ.

މި އެއްބަސްވުމުގައި އެމް ސެވަންގެ ފަރާތުން ސޮއިކުރައްވާފައިވަނީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަބްދުލް ސައްތާރުއެވެ. އަދި އޯރކާ މިޑިއާ ގްރޫޕުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ސަނީ އުމަރު އެވެ.

އޯރކާ މިޑިއާ ގްރޫޕުން ކޮންމެ އަހަރަކު ވެސް ބާއްވާ ބިޒްނަސް އެކްސްޕޯއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން، މިވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކުރެވި، ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމަށް ބާއްވާ ޙަރަކާތެކެވެ.

މިއަހަރުގެ މި އެކްސްޕޯގައި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ 3000 ފަރާތުން ބައިވެރިވެ، 150 އެގްޒިބިޓަރުން އެކްސްޕޯއަށް ޒިޔާރަތްކުރާނެކަމަށް އޯރކާ މީޑިއާއިން ބުނެއެވެ.

ބިޒްނަސް އެކްސްޕޯ އޮންނާނީ މިމަހުގެ 23 އިން 24 ގެ ނިޔަލަށެވެ. ބިޒްނަސް އެކްސްޕޯއާއި ވިދިގެން ފެބްރުއަރީ 25 ގައި ގޯލްޑް 100 ގާލާ އޮންނާނެ އެވެ.

ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން ބާއްވާ އެވޯޑެކެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން މިހާރު ވަނީ "ނެކްސްޓް 100" އެވޯޑްވެސް ލޯންޗްކޮށްފައެވެ. ގޯލްޑް 100 އެވޯޑާއި ޚިލާފަށް ނެކްސްޓް 100 އެވޯޑަކީ ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިއާއި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކޯޕަރޭޓް މޯލްޑިވްސްއިން ތަޢާރަފްކުރި އެވޯޑެކެވެ.