ޚަބަރު

"މިމަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައެޅޭނެ"


މަސައްކަތްތެރިންނަށް ކަނޑައަޅާ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް މި މަސް ނިމުމުގެ ކުރިން ކަނޑައެޅިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޟް މިހެން ވިދާޅުވެފައިވަނީ މިނިމަމް ވޭޖް ކަނޑައެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓަރަށް ދޭގޮތަށް ސަރުކާރުގެ ފަރާތުން ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާޙު ހިމަނައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.

މިނިސްޓަރ ފައްޔާޟް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިނިމަމް ވޭޖް ކަނޑައެޅުމަށް ކުރެވުނު ދިރާސާއާއި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއާއެކު މިމަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖާރައިގެ ގޮތުގައި ދެވޭނެ މިންވަރު ކަނޑައެޅިގެންދާނެކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި ސަރުކާރުން ދިރާސާތައްކޮށްފައިވާއިރު، އެ ދިރާސާތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ސަރުކާރުން ވަނީ މަޝްވަރާކޮށްފައެވެ.

ވަޒީފާއާ ބެހޭ ޤާނޫނާށް އެންމެ ފަހުން ހުށަހެޅި އިސްލާހުގައި އެންމެ ކުޑަ އުޖޫރައިގެ ދެވޭނެ މިންވަރެއް ކަނޑައެޅުމުގެ ބާރު ވަނީ އިކޮނޮމިކް މިނިސްޓަރަށް ދެއްވާފައެވެ.

އިސްލާހުގައިވާ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރު ނެރޭ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ ޢަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައެޅިދާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އަދި ވަކި މަސައްކަތެއްގައި ނުވަތަ ވަކި ދާއިރާއެއްގައި ހަރަކާތްތެރިވާ މަސައްކަތްތެރީންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ވަކިން ބަޔާންކުރުމާއެކު، މިގޮތުން ކަނޑައަޅާ އުޖޫރައެއް ދިނުމުގައި ވަޒީފާދޭ ފަރާތްތަކުން އެ އަމުރަކަށް ފުރިހަމައަށް ޢަމަލުކުރުމަށް ވަކި މުއްދަތެއް ނުވަތަ މުއްދަތުތަކެއް ކަނޑައަޅާފައިވާނަމަ، އެކަން ބަޔާންކުރަންވާނެކަމަށްވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ސަރުކާރުން ހުށައެޅި ބިލުގައި ބުނެފައިވެއެވެ.