ވިޔަފާރި

އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށަށް


މިދިޔަ ޖެނުއަރީމަހު އިމްޕޯޓް އަދިި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ގޮސްފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަސްޓަމަސް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިމްޕޯޓް ޑިއުޓީއާއި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 10 އިންސައްތަ ދަށަށްގޮސްފައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަމަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހު އިމްޕޯޓްކުރި 4 ބިލިއަން ރުފިޔާގެ މުދަލާ އަޅާބަލާއިރު 4 އިންސައްތައިގެ ދަށްވުމެކެވެ.

އިމްޕޯޓްކުރި މުދާ މަދުވެފައިވާއިރު، މިދިޔަމަހު އެކްސްޕޯޓުކުރި މުދާ ވަނީ 21 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖެނުއަރިމަހު 347 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީމަހު މިއަދަދު ވަނީ 420 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ނިމުނު ޖެނުއަރީމަހު ދައުލަތަށް ލިބިފައިވަނީ 272 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހު އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު 303 މިލިއަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ ދަށްވުމެކެވެ.

މިދިޔަމަހު ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ ގޮތުގެ ތަފްސީލަށް ބަލާލާއިރު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ 717 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި ޔޫއޭއީންނެވެ. ޗައިނާއިން 649 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން 380 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށެވެ. އެކްސްޕޯޓްކުރި މުދަލުގެ 56 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު މިއީ 235 މިލިއަން ރުފިޔާގެ މުދަލެވެ. ޖަރުމަނުވިލާތަށާއި އެމެރިކާއަށް 29 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، ފަރަންސޭސިވިލާތަށާއި އިނގިރޭސިވިލާތަށް 25 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ ތެރޭގައި ހިމެނެނީ އެކި ބާވަތްތަކުގެ ތާޒާ އަދި ފިނިކުރިމަހުގެ ބާވަތްތަކެވެ.