ވިޔަފާރި

މޯލްޑިވިއަންގެ ޚިދުމަތްތަކަށް ޚާއްސަ އެޕްލިކޭޝަނެއް ތަޢާރަފްކޮށްފި


މޯލްޑިވިއަންގެ ޚިދުމަތްތަކަށް ޚާއްސަކޮށްގެން އެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ.

މޯލްޑިވިއަންގެ އެޕްލިކޭޝަން އިފްތިތާހުކޮށްފައިވަނީ ސިޓީ ސުކޮއަރގައި ހުންނަ މޯލްޑިވިއަންގެ ޓިކެޓިންގ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިލެންޑް އޭވިއޭޝަން ސަރވިސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްދު ރިޒްވީއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް މޯލްޑިވިއަންގެ ދަތުރުތަކުގެ ޝެޑިއުލް ބަލާލުމާއި ޓިކެޓް ބުކްކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ. މީގެ އިތުރުން މޯލްޑިވިއަން މެދުވެރިކޮށް ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލު ވެސް މި އެޕް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ. އަދި މޯލްޑިވިއަންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ވަގުތުން ބަލާލުމާއި މޯލްޑިވިއަންއިން ނެރޭ ޕްރޮމޯޝަންތައް ވެސް މި އެޕް މެދުވެރިކޮށް ފެންނާނެއެވެ. މޯލްޑިވިއަންއިން ބުނީ އެޕް ސްޓޯރ އަދި ޕްލޭ ސްޓޯރއިން މި އެޕް ޑައުންލޯޑް ކުރެވޭނެކަމަށެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަން ސަރވިސްގެ މެނޭޖިންގ ޑިރެކްޓަރ ރިޒްވީ ވިދާޅުވީ މި އެޕްލިކޭޝަން އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުކުރަމުންދާކަމަށާއި އަންނަ ހަފްތާގައި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ރީފަންޑުކުރުމުގެ ޚިދުމަތް ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށެވެ.

މީގެ ކުރިން ޓިކެޓް ބުކްކުރުމާއި ޝެޑިއުލް ބަލާލުން ފަދަ ޚިދުމަތްތައް މޯލްޑިވިއަންގެ ޓިކެޓް ކައުންޓަރުތަކުންނާއި މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުރެއެވެ. އަލަށް ތަޢާރަފްކުރި މި އެޕްލިކޭޝަންއާއެކު ޓިކެޓް ބުކްކުރުމަށް ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ދަނީ ރާއްޖޭގެ 10 އެއަރޕޯޓަކަށާއި، ބައިނަލްއަޤްވާމީ އެއަރޕޯޓުތައް ހިމެނޭހެން 20 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ.