ޚަބަރު

ކޮރޯނާވައިރަހަށާއި ހިމަބިއްސަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހއ އަތޮޅުގައި ފަށައިފި


ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްއަށާއި، ރާއްޖޭގައި މިއަހަރުގެ ޖެނުއަރީން ފެށިގެން އަލުން ފެތުރެންފެށި ހިމަބިއްސަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހއ އަތޮޅުގައި ފަށައިފިއެވެ.

އެގޮތުން ހޯރަފުށީ ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީ (އެޗްވައިޑީއެސް) އިން ތިޒާމުކޮށްގެން ހޯރަފުށީ ގައިވެސް ވަނީ މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިއެވެ. ހޯރަފުށީގެ އިތުރުން އެއަތޮޅު ތުރާކުނު، އަދި އުލިގަމުގައިވެސް ވަނީ ނޮވެލް ކޮރޯނާވައިރަސްއާއި ހިމަބިއްސަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ އެރައް ރަށުގެ ސިއްޙީ މަރުކަޒާއި، ކައުންސިލާއި އަދި އެރަށްރަށުގަ ހުންނަ ސުކޫލްތަކާ ގުޅިގެންނެވެ.

މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޑޮކްޓަރު އުސާމާ ޢަލީއެވެ. މިމަޢުލޫމާތު ދިނުމުގެ ޕްރޮގްރާމުގައި މި ތިންރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ސްކޫލް ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ހޯރަފުށީ ސިއްޙީ މަރުކަޒުންވެސް ވަނީ އެރަށުގައި ދިރިއުޅޭ ބިދޭސީންނަށް ޚާއްސަކޮށްގެން ކޮރޯނާވައިރަހަށް ހޭލުންތެރި ކުރުމުގެ ސެޝަނެއް ބާއްވާފައެވެ.

ކޮރޯނާވައިރަހުން ރައްކާތެެރިވެ ތިބުމަށް އެހީތެެރި ވުމުގެ ގޮތުން އެރަށުގެ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ އެފްސީ ފްރިގޭޓާރއިންވެސްވަނީ މިވައިރަހުން ރައްކާތެރިވުމަށް ބޭނުންކުރާ 2000 މާސްކް ހޯރަފުށީ ސިއްޚީމަރުކަޒަށް ހަދިޔާ ކޮށްފައެވެ.