މިއަހަރުގެ އައިޓީބީ ފެއަރގައި ރާއްޖެއިން 244 މީހުން ބައިވެރިވާނެކަމަށް އެމްއެމްޕިއާރުސީން ހާމަކޮށްފިއެވެ.
ޖަރުމަނުވިލާތުގެ ބަރލިންގައި އޮންނަ އައިޓީބީ ފެއަރއާއި ބެހޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވި ޕްރީ-މީޓިންގ ގައި އެމްއެމްޕީއާރްސީން ވަނީ މި ފެއަރގައި ރާއްޖޭގެ 99 ކުންފުންޏަކުން 244 ފަރާތެއް ބައިވެރިވާނެކަމަށް ބުނެފައެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ފެއަރގައިވެސް ރާއްޖޭގެ އަތްތެރި މަސައްކަތްތަކާއި ދިވެހި ކެއުންތައް ދައްކާލެވޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މީގެ އިތުރުން ޘަޤާފީ އައިޓަމްތަކާއި ލައިވް މިއުޒިކް ވެސް މިފެއަރގެ ތެރެއިން ކުރިއަށްދާނެކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
ބީޓުބީ މީޓިންގތަކާއި ވިޔަފާރިވެރިންގެ އެކި ބައްދަލުވުންތަކާއެކު ކުރިއަށްދާ މި ފެއަރގައި ރާއްޖޭގެ ސްޓޭންޑަކީ އަބަދުވެސް ފާހަގަކޮށްލެވޭ ސްޓޭންޑެކެވެ.
އެމްއެމްޕީއާރުސީން ބުނީ މިއަހަރު ރާއްޖޭގެ ސްޓޭންޑުގެ ޖާގަ ބޮޑުކޮށްފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ސްޓޭންޑަށް 592 އަކަފޫޓުގެ ޖާގަ ލިބިފައިވާކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. މިއަހަރުގެ ސްޓޭންޑުވެސް ފަރުމާކޮށްފައިވަނީ ރާއްޖޭގެ މޫދުގެ ރީތިކަން ސިފަވާގޮތަށެވެ.
ފެއަރއަށް ވަމުންދާ ތައްޔާރީތަކާއި ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޡައްޔިބު މުޙައްމަދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބެމުންދާ ކުރިއެރުމާއެކު އައިޓީބީ ފެއަރގައި ދިވެހި ކުންފުނިތަކުން ބައިވެރިވާ މިންވަރުވެސް އިތުރުވަމުންދާކަމަށެވެ. އެހެންކަމުން، މިއަހަރުގެ ފެއަރގައި ގިނަ ކުންފުނިތަކަށް ފުރުސަތުދީފައިވާނޭކަމަށް ޡައްޔިބު ވިދާޅުވިއެވެ.
ޘައްޔިބު ވިދާޅުވީ މިއަހަރުގެ ފެއަރގައި ވެސް ގިނަ ވިޔަފާރިވެރިންނާއި ބައްދަލުކޮށް ރާއްޖޭގައި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ ފެއަރއެއްގައި ވެސް މަސައްކަތްތަކެއް ކުރަން އިސް ޓްރެވެލް ޓްރޭޑްގެ ބޭފުޅުންނާއި ބައްދަލުކޮށް ރާއްޖެއާއި ބެހޭ ގޮތުން މަޢުލޫމާތުދެން. މިއަހަރުގެ ފެއަރގައި ވެސް އެބަހުރި މުހިއްމު ބައްދަލުވުންތަކެއް." ޡައްޔިބު ވިދާޅުވިއެވެ.
މިއަހަރުގެ އައިޓީބީ ފެއަރ ކުރިއަށްދާނީ މާޗް 4 އިން 8 އަށް ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައެވެ. މި ފެއަރގައި ދުނިޔޭގެ އެކި ޤައުމުތަކުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ 10 ހާހަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.
މިއަހަރުގެ މި ފެއަރގައި ރާއްޖެއިން ވަޑައިގަންނަވާ ވަފުދުގެ އިސް ބޭފުޅަކަށް ހުންނަވާނީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޡައްޔިބު މުޙައްމަދުއެވެ.