ޚަބަރު

އެންމެ ކުޑައުޖޫރަ ކަނޑައެޅުމުގެ ބިލް މަޖިލީހަށް ހުށައަޅައިފި


ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރާއިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުމުގެ ބާރު އިކޮނޮމިކް މިނިސްޓަރަށް ދޭގޮތަށް ސަރުކާރުގެ ފަރާތުން ވަޒީފާއާބެހޭ ޤާނޫނަށް އިސްލާޙު ހިމަނައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި އިޞްލާޙު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާއެވެ.

ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. މިވަޢުދު ފުއްދުމަށްޓަކައި އެންމެ ކުޑައުޖޫރަ ކަނޑައެޅުމުގެ ބިލް މިދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ސަރުކާރުން މީގެ ކުރިންވެސްވަނީ ހާމަކުރައްވާފައެވެ.

ވަޒީފާއާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިޞްލާޙުގައި، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ ވަކި ޢަދަދެއް ބަޔާންކުރައްވާފައެއްނުވެއެވެ. އެބާރު ދެއްވާފައިވަނީ އިކޮނޮމިކް މިނިސްޓަރަށެވެ. އެގޮތުން މި އިޞްލާޙުގައި ބަޔާންކޮށްފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، މިނިސްޓަރ ކަނޑައަޅުއްވަން ވާނެކަމަށެވެ.

މި ބިލްގައި ބުނެފައިވާގޮތުން އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްތައް ކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާގޮތް ބަލައި ދެނެގަތުމަށާ، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދެވޭނެ ޢަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ އެރުވުމަށްޓަކައި "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އުފައްދަންވާނެކަމަށް ވަނީ ބުނެފައެވެ. ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ މި ބޯޑުގައި އެކި ދާއިރާތަކުން 11 މެންބަރުން ހިމެނޭނެކަމަށް ބުނެފައިވެއެވެ. އެގޮތުން މިބިލް ފާސްކުރާ ދުވަހުންފެށިގެން 30 ދުވަހުގެ ތެރޭގައި ބޯޑަށް މެންބަރުން ޢައްޔަން ކުރަންޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށްޓަކައި، އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ޢަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ އެރުވުމަށްޓަކައި ރިޔާޢަތްކުރަންޖެހޭ ދައިރާތަކުގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތާއި ފަތުރުވެރިކަމުގެ ސިނާޢަތާއި ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާޢަތާއި ދަތުރުފަތުރުގެ ސިނާޢަތާއި ޞިއްޙީ ޚިދުމަތުގެ ދާއިރާއާއި ތަޢުލީމީ ޚިދުމަތުގެ ދާއިރާގެ އިތުރުން ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ ޢަދަދު، ކޮންމެ 2 އަހަރަކުން މުރާޖަޢާ ކުރަންޖެހޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މިއިޞްލާޙުގައިވާގޮތުން ވަޒީފާދޭ ފަރާތަކަށް މަޢުލޫމާތު ދިނުމަށް ބޯޑުން ނުވަތަ މިނިސްޓްރީން އަންގާ އެންގުމަކާ ޚިލާފުވެއްޖެ ފަރާތެއް، ފަސްހާސް ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމުގެ ބާރު، ބޯޑަށް ނުވަތަ މިނިސްޓްރީއަށް ލިބިގެންވެއެވެ.

ބޯޑުން މިނިސްޓަރަށް ދޭ ލަފާ ދިރާސާކުރުމަށްފަހު، ގިނަވެގެން 30 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ، މިނިސްޓަރު ނެރޭ އަމުރެއް މެދުވެރިކޮށް ކަނޑައަޅަންވާނެކަމަށް ވަނީ ބުނެފައެވެ.

އެގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރު ނެރޭ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ ޢަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައެޅިދާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި ވަކި މަސައްކަތެއްގައި ނުވަތަ ވަކި ދާއިރާއެއްގައި ހަރަކާތްތެރިވާ މަސައްކަތްތެރީންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ވަކިން ބަޔާންކުރުމާއެކު، މިގޮތުން ކަނޑައަޅާ އުޖޫރައެއް ދިނުމުގައި ވަޒީފާދޭ ފަރާތްތަކުން އެ އަމުރަކަށް ފުރިހަމައަށް ޢަމަލުކުރުމަށް ވަކި މުއްދަތެއް ނުވަތަ މުއްދަތުތަކެއް ކަނޑައަޅާފައިވާނަމަ، އެކަން ބަޔާންކުރަންވާނެކަމަށްވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ސަރުކާރުން ހުށައެޅި ބިލްގައި ބުނެފައިވެއެވެ.