ޚަބަރު

ދިވެހިން ޢާއްމުކޮށް ދާ ޤައުމުތަކުގައި ކޮރޯނާވައިރަސް ފެތުރޭ މިންވަރު ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުއަޅަނީ


ދިވެހިން ޢާއްމުކޮށް ގޮސް އުޅޭ ޤައުމުތަކުގެ ތެރެއިން ކޮރޯނާވައިރަސް އިތުރުވަމުންދާ ޤައުމުތަކުގެ ޙާލަތު ވަރަށް ގާތުން ބަލައި އެޤައުމުތަކުން އަންނަ މީހުން ސްކްރީންކުރުން ހަރުދަނާކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ދިވެހިން ޢާއްމުކޮށް ގޮސްއުޅޭ ޤައުމުތަކުގެތެރެއިން ތައިލެންޑާއި ސިންގަޕޫރާއި މެލޭޝިއާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް ވާ މީހުން އިތުރުވަމުންދާކަމަށެވެ. އަދި މިކަމާއި ގުޅިގެން އެޤައުމުތަކުން ރާއްޖެ އަންނަ މީހުންނާ މެދު އަޅާނެ ފިޔަވަޅުތަކެއް ދެނެގަނެ އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިޤައުމުތަކުގައި ކޮރޯނާވައިރަސް ފެތުރެމުންދާ މިންވަރު ދެނެގަނެ އެޤައުމުތަކުގެ ޙާލަތު ވަރަށް ގާތުން ބަލަމުންގެންދާކަމަށެވެ. އެގޮތުން އެޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް ދެނެގަނެ ރާއްޖެއިން މިކަމުގައި އަޅާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާކުރައްވަމުންގެންދަވާކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ކޮރޯނާވައިރަސް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކައި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ވައިގެ ބަނދަރުތަކާއި ކަނޑު ބަނދަރުތަކުގައި ތާމަލް ކެމެރާ ހަރުކޮށް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން ވަނީ އަޅާފައެވެ. އަދި އިތުރަށް މިކަންކަން ބަލައި މޮނިޓަރ ކުރެވޭނެ ގޮތްތައްވެސް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއިން ބޭރުން އަންނަ މީހުންގެ ވޭތުވެދިޔަ 14 ދުވަހުގެ ޓްރެވެލް ހިސްޓްރީއަށް ބެލުމަށްފަހު ނޫނީ މިހާރު ރާއްޖެ އެތެރެ ނުވެވޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ. އަދި މިވައިރަސް ފެތުރެމުންދާ ހިސާބުތަކަށް ދަތުރުކޮށްފައިވާ މީހުން ދެނެގަތުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.