ޚަބަރު

ދެއަހަރު ފަހުން ޤައިދީންނަށް އަންނައުނު ފޯރުކޮށްދޭން ފަށައިފި


މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބޭ މީހުންނާއި، ޤައިދީންނަށް އެމީހުންގެ އާއިލާގެ ފަރާތުން ފޮނުވަން ބޭނުންވާ އަންނައުނު ފޮނުވުން މެދުކަނޑާލާފައި އޮތުމަށްފަހު އެތަކެތި ފޯރުކޮށްދޭން އަލުން ފަށައިފިއެވެ.

ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް އާއިލާގެ ފަރާތުން ފޮނުވަން ބޭނުންވާ އަންނައުނު ފޯރުކޮށްދިނުން މެދުކަނޑާލާފައި ވަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
ޤައިދީންނަށް އަންނައުނު ފޯރުކޮށްދިނުން މެދުކަނޑާލާފައިވަނީ އަންނައުނުގެ ތެރޭގައި ޖަލުތަކަށް މަސްތުވާތަކެއްޗާއި، ޖަލަށް ވެއްދުން މަނާ ތަކެތި ވެއްދުން އިތުރުވުމާއި ގުޅިގެންނެވެ.

ނަމަވެސް ދެއަހަރަށްވުރެ ގިނަ ދުވަސްފަހުން އަންނައުނު ފޯރުކޮށްދޭން ފަށާފައިމިވަނީ އަލަށް ޢަމަލުކުރަންފެށި، ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ އަންނައުނު އާއިލާގެ ފަރާތުން ފޯރުކޮށްދިނުމުގެ އުސޫލަށް ޢަމަލުކުރަންފެށުމުންނެވެ. މިގޮތުން ޤައިދީންނަށް އިއްޔެއިން ފެށިގެން އަންނައުނު ފޯރުކޮށްދެމުން އަންނަކަމަށް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވެއެވެ.

ރާއްޖޭގެ ޖަލުތައް އޮޑިޓްކޮށް ރަނގަޅުކުރަންޖެހޭ ކަންކަމާއި ޖަލުތަކުގެ ހާލަތާއި ގުޅޭގޮތުން މިދިޔަ އަހަރު ނެރުނު ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައިވެސް ޤައިދީންނަށް އަންނައުނު ފޯރުކޮށްދިނުން ހަމަޖައްސައިދިނުމަށް ވަނީ ބަޔާންކޮށްފައެވެ.

ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތަށް ޤައިދީންނަށް އަންނައުނު މިހާރު ފޯރުކޮށްދެމުން އަންނަނީ ވަކި މިންގަނޑުތަކަކާއި ވަކި އުސޫލުތަކެއްގެ ދަށުންކަމަށެވެ. އަންނައުނު ފޯރުކޮށްދިނުމަށްޓަކއި އެތަކެތި ކަރެކްޝަނުން ބަލައިގަންނަމުންދާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ 9 އަކުން މެންދުރު ދޭކަށެވެ.