ޚަބަރު

ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމަށް 43 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް ފެށުމަށް އެއްބަސްވެއްޖެ


ރާއްޖެއާއި ޔޫރަޕްގެ އިއްތިހާދު، އީޔޫ ގުޅިގެން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް 43 މިލިއަން ރުފިޔާގެ މަޝްރޫޢެއް ފެށުމަށް އެއްބަސްވެއްޖެއެވެ. ދެފަރާތުން މިކަމަށް އެއްބަސްވެފައިވަނީ ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިޙާދާ ދެމެދު މިއަދު ބޭއްވި ސީނިއަރ އޮފިޝަލުން ފެންވަރުގެ ފުރަތަމަ ބައްދަލުވުމުގައެވެ.

ވެހިރާއްޖެއާއި ވިލާތުގެ އިއްތިޙާދާ ދެމެދު ބޭއްވެވި މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި އީޔޫއާއި ދެމެދު މަޝްވަރާތައް ބާއްވާނެ އާ ނިޒާމެއް ޤާއިމްކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިދިޔަ އަހަރުގެ ޖޫން މަހު ބްރަސަލްސްއަށް ކުރެއްވި ދަތުރުފުޅުގައި އީޔޫގެ އޮފިޝަލުންނާއިއެކު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ޤާއިމްކުރެވުނު ނިޒާމްގެ ދަށުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލްތައް އަލުން އިޔާދަކޮށް، ހެޔޮވެރިކަމާއި ޤާނޫނުގެ ވެރިކަންކުރުމަށް މިހާރުގެ ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން، ބައިނަލްއާޤްވާމީ ބައިވެރިންނާއި ގުޅުން ބަދަހިވަމުންދާކަމުގެ ހެއްކެކެވެ. ދިވެހިރާއްޖެއާއި އީޔޫގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން ދެފަރާތުގެ މެދުގައި މިއަދު މަޝްވަރާކުރެވުނެވެ.

ޔޫރަޕިއަން ކޮމިޝަންއާއި، ޔޫރަޕިއަން ކައުންސިލްގެ އާ ރައީސުންނާއި، އީޔޫ ހައި ރެޕްރެޒެންޓޭޓިވް ފޮރ ފޮރިން އެފެއަރޒް އެންޑް ސެކިއުރިޓީ ޕޮލިސީ، ވައިސް ޕްރެޒިޑެންޓް އޮފް ދަ ޔޫރަޕިއަން ކޮމިޝަން ޖޮސެޕް ބޮރެލްގެ ބެއްލެވުމުގެ ދަށުން ދިވެހިރާއްޖެ ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ ހުރިހާ ބައިވެރިންނާއިއެކު އޮންނަ ގުޅުން އިތުރުކުރުމަށް އީޔޫ އޮތީ ތައްޔާރަށެވެ. އެގޮތުން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ކުރިއަރުވައި، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ އިތުރަށް ހަރުދަނާކުރުމަށް އީޔޫ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެއެވެ. އަދި ރާއްޖޭގެ ޝަރުޢީ ދާއިރާ ވަރުގަދަކޮށް، ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކެއް ބަލަމުންދާކަން އީޔޫއިން ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުވުމާއި ދިމާކޮށް، ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްކުރުމަށް މިއަދު ވަނީ ޕްރޮޖެކްޓެއް އިފްތިތާހްކޮށްފައެވެ. މި ޕްރޮޖެކްޓަކީ ރާއްޖެ-އީޔޫ ސަލާމަތީ އެއްބާރުލުމަށް އީޔޫ އިން ކަނޑައަޅާފައިވާ 43 މިލިއަން ރުފިޔާ (2.5 މިލިއަން ޔޫރޯ) ގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް އާއި، ދިވެހި ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެންނެވެ.

ދިވެހި ސަރުކާރާ އީޔޫ އިންވެސް މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތައް ފަދަ ބައިނަލްއަގްވާމީ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުން އިތުރުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. މިދިޔަ ޑިސެމްބަރު މަހު އީޔޫ އިން ވަނީ 2050 ވަނަ އަހަރުގެ ނިޔަލަށް ޔޫރަޕަކީ ކާބަން ނިއުޓްރަލް ބައްރަކަށްވުމަށް އަމާޒު ހިފާފައިވާ ޔޫރަޕިއަން ގްރީން ޑީލް އެޑޮޕްޓްކޮށްފައެވެ. ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން މިހާރުވެސް ރާއްޖޭގެ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް އިމްޕްލިމެންޓް ކުރުމަށް 85.8 މިލިއަން ދިވެހިރުފިޔާގެ އެހީއަކާއި، ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހިންގުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް އިން ރާއްޖެއަށް ދޫކުރި 771.6 މިލިއަން ދިވެހި ރުފިޔާގެ ލޯން އީޔޫ އިން ފާހަގަކުރެއެވެ.

ބިޒްނަސް ރައުންޑް ޓޭބަލް އިނީޝިއޭޓިވް މެދުވެރިކޮށް ދެފަރާތުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް އީޔޫ އާއި ދިވެހި ސަރުކާރުން އެއްބަސްވިއެވެ. އަދި ދިވެހިރާއްޖެއިން އީޔޫއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލުމަށް ދިވެހި ސަރުކާރުން އީޔޫގައި ވަނީ އެދިފައެވެ.

ރާއްޖޭގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަންކުރުން ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، އީޔޫގެ ކަންބޮޑުވުންތަކަށް ރާއްޖެއިން ހައްލު ގެނެސްފައިވާކަން ދާދި އަވަހަށް ރާއްޖެއަށް އަންނަ އީޔޫގެ ފަންނީ ޓީމުން ފާހަގަކުރާނެކަމަށް އުއްމީދުކުރާކަން އީޔޫ އިން ހާމަކޮށްފައެވެ.

މި ބައްދަލުވުމުގައި ދިވެހި ރައްޔިތުންނަށް ވިސާއާއި ނުލައި އީޔޫގެ މެމްބަރު ޤައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު ހޯދުމާއި ބެހޭ ގޮތުން އީޔޫ އާއިއެކު ވަނީ މަޝްވަރާކުރެވިފައެވެ.
މި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއާއި، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް ޕެސިފިކް ޕައޯލާ ޕަމްޕަލޯނީ އެވެ.