ޚަބަރު

މާލޭގައި ބިލް ބޯޑު ހަރުކުރުން ވިޔަފާރިވެރިންގެ ޖަމިއްޔާއަަށް


މާލޭގެ މަގުތަކާއި މައިދާންތަކުގައި އިޝްތިހާރު ބޯޑާއި، އިޢުލާން ހަރުކުރުމުގެ ކަންކަން ރާވައި، ހިންގުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީގެ ފަރާތުން ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއާއި ހަވަވާލުކޮށްފިއެވެ. އެކަމަށްޓަކައި މިއަދު ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމަސައްކަތް ހަވާލުކުރިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާޢިލް އާސިފްއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން، މާލޭގެ މަގުތަކާއި، އާއްމުން އެއްވެ އުޅޭ މައިދާންތަކުގައި ހަރުކުރެވޭ އިޝްތިޙާރު ބޯޑުތަކާއި، އެހެނިހެންވެސް ލިޔުންތައް އާއްމުންނަށް ދަތިނުވާނެހެން، ވަކި ފެންވަރެއްގައި ހިފެހެއްޓިގެން ހަރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ. އަދި ވިޔަފާރިވެރިންގެ ޖަމިއްޔާއަކީ ރާއްޖޭގެ ވިޔަފާރިވެރިންނާއި ގުޅުން ބޮޑު ބަޔަކަށްވެފައި، ހަރަދުކުޑަ ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރެވޭނީ ވިޔަފާރިވެރިންގެ ޖަމިއްޔާއަށްކަމުން، ސަރުކާރުން އެ ޖަމިއްޔާއާއި މި މަސައްކަތް ހަވާލުކުރުމަށް ނިންމީ އިކޮނޮމިކް ކައުންސިލާއިވެސް މަޝްވަރާކުރެއްވުމަށްފަހު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފަރާތުން ވާހަކަދައްކަވަމުން އެޖަމިއްޔާގެ ނައިބު ރައީސް އިސްމާޢިލް އާސިފް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން، ހުއްދަނެގުމަކާއި ނުލާ، މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ އިޝްތިހާރު ބޯޑުތަކާއި، އެހެނިހެން ބޯޑުތައްވެސް ނަގައި، ދެމެހެއްޓެނިވި އުސޫލެއްގެ ދަށުން މިމަސައްކަތް ކުރުމަށް އެޖަމިއްޔާއިން ނިންމާފައިވާކަމަށެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރެވޭ އިޝްތިޙާރު ބޯޑުތަކުގެ ކޮލެޓީ ބަލައި، ޒަމާނީ އުސޫލުން އެކަންކުރުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް އާސިފް ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ދަށުން، މާލޭގެ މަގުތަކާއި، މައިދާންތަކުގައި ހަރުކުރެވޭ އިޝްތިހާރުތަކާއި، އެހެނިހެން ލިޔުންތައް ހިމެނޭ ބޯޑުތައް ހަރުކުރުމަށް އެދޭ ހުއްދަ ދޫކުރުމާއި، އެކަމަށް ވަކި ފީ އެއް ނެގިގެންދާނެއެވެ. ނަމަވެސް ޕަބްލިކް އެވެޔަނެންސް ނުވަތަ އާއްމުން ހޭލުންތެރިކުރުމަށް ހަރުކުރެވޭ ބިލް ބޯޑުތައް މީގެން އިސްތިސްނާވެގެން ދާނެކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.