ޚަބަރު

44 އަހަރުފަހުން ހެއްކާބެހޭ، އައު ޤާނޫނެއް އެކުލަވާލަނީ


މީގެ ސާޅިސް ހަތަރު އަހަރު ކުރިއްސުރެ ޢަމަލު ކުރަމުން އަންނަ ހެއްކާބެހޭ ޤާނޫނު އުވާލައި އާ ޤާނޫނެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި ހުށަހަޅުއްވާނެކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެއޮފީހުން ވިދާޅުވީ ހެއްކާބެހޭ ޤާނޫނުގެ ބިލް ޑްރާފްޓުގައި ހެކިބަސް ނަގާނެގޮތް ހިމަނާނެކަމަށެވެ. ޖިނާއީ އިޖްރާއަތުގެ ޤާނޫނުގައި ވާގޮތުން ހެއްކާބެހޭ ޤާނޫނުގައި ވާގޮތަށް، ސިއްރު ހެކިބަސް ނެގުމުގެ އިޚުތިޔާރު ފަނޑިޔާރުންނަށް ލިބިގެންވެއެވެ. އެ ޤާނޫނުގައި ބުނެފައިވަނީ ސިއްރު ހެކިބަސް ނެގޭނީ ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށްކަމަށެެވެ.

ނަމަވެސް ހެއްކާބެހޭ ޤާނޫނުގައި ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރިކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތްކަން އެޤާނޫނަށް ބެލުމުން އެނގެން އޮންނަ ކަމަށް ބުނެ ހައިކޯޓުންވަނީ ޖިނާއީ އިޖްރާއަތުގެ ޤާނޫނާ ހަވާލާދީ ހެކިބަސް ނެގުން ސައްހަ ނޫން ކަމަށް ކަނޑައަޅާފައެވެ.

ހެއްކާބެހޭ ޤާނޫނުގައި ސިއްރު ހެކިބަސް ނެގޭނެގޮތް ބަޔާންކޮށްފައިނުވާތީ ޖިނާޢީ އިޖްރާއަތުގެ ގާނޫނާ ޙަވާލާދީ ސިއްރު ހެކިބަސް ނުނެގޭނެކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބާޠިލްކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން ޕްރޮސެކިއުޓާ ޖެނަރަލްވަނީ ނިންމަވައިފައެވެ.

ތޭވީސް ސެޕްޓެންބަރު 1976ގައި ވުޖޫދަށް އައިސްފައިވާ، މިހާރު ޢަމަލުކުރަމުންދާ ހެއްކާ ބެހޭ ޤާނޫނަށް އެއްވެސް އިސްލާހެއް މިއަދާހަމައަށް އައިސްފައެއްނުވެއެވެ.