ޚަބަރު

ހައްދުފަހަނައެޅުމާ ދެކޮޅަށް ޤައުމީ ފެންވަރުގެ އެކްޝަން ޕްލޭނެއް - އެންސީޓީސީ


ހައްދުފަހަނައެޅުމާ ދެކޮޅަށް ޤައުމީ ފެންވަރުގެ އެކްޝަން ޕްލޭނެއް އިފްތިތާޙްކުރުމަށް ތައްޔާރުވެފައިވާކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ޔޫއެންއޯޑިސީއާއި އިންޓަޕޯލްގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މިއަދު ފެށި ޤައުމީ ފެންވަރުގެ ވަށްމޭޒު ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނަރަލް ބްރިގޭޑިއާ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ޓެރަރިޒަމާއި ހައްދުފަހަނައެޅުމުގެ ކަންކަން ޙައްލުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތުގެ ދަށުން މުހިއްމު މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން ރާއްޖެއިން ކުރާ މި މަސައްކަތްތަކުގައި ޔޫއެންއޯޑީސީއާ، ޔޫއެންޑީޕީއާ ޖަޕާނު ސަރުކާރުގެ މާލީއެހީގެ ދަށުން މުހިންމު ކުރިއެރުންތަކެއް ލިބިފައިވާކަމަށް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަލަށް އިފްތިތާޙްކުރާ ނޭޝަނަލް އެކްޝަން ޕްލޭނަކީ ކުރިއަށް އޮތް 5 އަހަރު ތެރޭގައި ވަކިވަކި ފަރުދުންގެ ކިބައިން ޓެރަރިޒަމާއި ހައްދުފަހަނައެޅުން ހުއްޓުވަމަށް މުހިންމު މަސައްކަތްތަކާއި ފިޔަވަޅުތައް އެޅިގެންދާނެކަމަށެވެ. މިއާއެކު ބޮޑެތި ކުށްތައް ހުއްޓުވުމަށް ޖިނާޢީ ޢަދުލުގެ ނިޒާމެއް ޤާއިމްކުރެވިގެންދާނެކަމަށްވެސް ޒަކަރިޔާ މަންސޫރު ވިދާޅުވިއެވެ.

ޔޯއެންއޯޑީސީއާއި ޔޫރަޕއިަން ޔޫނިއަންގެ އިތުރުން އިންޓަރޕޯލްގެ ތަޖުރިބާކާރުންގެ ޚިޔާލާއި މަޝްވަރާގެ އަލީގައި މިއަދު ފެށި ބައްދަލުވުމާިއ ގުޅޭގޮތުން އެފަރާތްތަކުންވަނީ މިއީ ކާމިޔާބު މަސައްކަތަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. މިބައްދަލުވުން އޮތީ ސޯޝަލް ސެންޓަރުގައެވެ.

ރާއްޖޭގެ މުހިއްމު ގިނަ އިދާރާތަކެއްގެ އިސް 27 ބޭފުޅުންނާއެކު މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ވައްމޭޒު ބައްދަލުވުމުގައި ރާއްޖޭގައި ހުރި މިފަދަ މައްސަލަތައް ދެނެގަތުމާއި އެމައްސަލަތައް ހައްލުކުރެވެން ހުރި ގޮތާއިމެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެކަމަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މަޢުލޫމާތުދެއްވިއެވެ.