ފީނަން ފޭބި މަސްވެރިއަކު ޑީކޯވެގެން އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު، ގދ ތިނަދޫއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މަސްވެރިކަމަށް ނުކުމެ އުޅުނު "މީރާ" ނަމަކަށް ކިޔާ ދޯންޏަކުން ފުޅިއަޅައިގެން ފީނަން ފޭބި މީހެއްގެ ހާލު ދެރަވެގެން ކޯސްޓް ގާޑުގެ އެހީތެރިކަމަށް އެދިފައި ވަނީ މިއަދުގެ 9:20 ހާއިރު ކަމަށެވެ.
އަދި އެއީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައި ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު 10:50 ހާއިރު އެމީހާ ތިނަދޫގައި ހުންނަ ޑރ ޢަބުދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވި ފަރުވާދޭން ފެށިފައި ވާކަމަށެވެ.
މަސްވެރިން ފުޅިއަޅައިގެން ފީނުމުގެ ތެރޭގައި ހިނގާ ޑީކޯ ވުމުގެ ހާދިސާތައް ހުވަދު އަތޮޅުގައި ގިނަކަން ފާހަގަކުރެވިފައިވާއރު، އެކަމަށް މަސްވެރިންނާއި އޮޑިވެރިންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެންޑީއެފުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައްވެސް ހިންގަމުން ގެންދެއެވެ.