ކުޅިވަރު

ދަތުރުތަކުގައި ދަނީ އެފްއޭއެމްގެ ޚަރަދަކުނޫން: ބައްސާމް


ގިނަ ދަތުރުތަކެއްގައި ރާއްޖޭން ބޭރަށް ވަޑައިގަންނަވަނީ އެފްއޭއެމާއި ސަރުކާރުގެ ހަރަދުގައި ނޫން ކަމަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ބައްސާމް ވިދާޅުވީ އޭނާ ދަތުރުކުރައްވަނީ އެފްއޭއެމާއި ކުލަބުތަކަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތައް ހޯއްދަވަން ކަމަށެވެ. މި ގޮތުން ގަތަރާއި ސައޫދީ އަރަބިއާ އާއި އެނޫން ވެސް މަތީ ފަންތީގެ ވަސީލަތްތައް ހުރި ގައުމުތަކުގައި ރައްޖޭގެ ޓީމުތަކަށް ކޭމްޕްކުރެވޭނެ ގޮތްތައް ވަމުންދަނީ އެކި ގައުމުތަކާއެކު އޮންނަ ރަނގަޅު ގުޅުމުގެ ސަބަބުން ކަމަށެވެ. އަދި ދަތުރުތަކުގައި ދަނީ އެކި ލިބޭ ދައުވަތުތަކަށް ކަމަށެވެ.

"ކޮންމެ ދައުވަތަކަށް ވެސް އަޅުގަނޑުމެން ބުނަން އެތަނަށް ދެވޭނެ ގޮތެއް އަޅުގަނޑުމެންގެ ނެތޭ. އެއީ އެހާ ތަނަވަސް ބަޔަކަށް އެފްއޭއެމް ނުވާތީވެ. މިހެން ބުނީމާ އެ ފަރާތަކުން ޓިކެޓް ދެއްވައިގެން އަޅުގަނޑުމެން ދަތުރުކޮށްފައި ހުންނާނީ. މިއީ އެފްއޭއެމަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތައް ފަހިކުރަން ކުރާ ދަތުރުތަކެއް. މިހާރު ނުހަނު ފަސޭހަކަމާއެކު އަޅުގަނޑުމެންގެ ޓީމުތައް ރާއްޖޭން ބޭރުގައި ކޭމްޕްކޮށް ހަދަނީ ބޭރު ގައުމުތަކާއެކު ރަނގަޅު ގުޅުމެއް އޮތުމުން. މީގެ ކުރިން މިފަދަ ގުޅުމެއްނެތް،" ބައްސާމް ވިދާޅުވި އެވެ.

މީގެ އިތުރުން ބައްސާމް ވިދާޅުވީ އޭނާ ދެން ދަތުރުކުރައްވަނީ އޭއެފްސީ އާއި ފީފާގެ ބައްދަލުވުންތަކަށް ކަމަށެވެ.

"އަޅުގަނޑަކީ ފީފާ އާއި އޭއެފްސީގެ ކޮމިޓީތަކެއްގައި ތަމްސީލުކުރާ މީހެއް. މިކޮމިޓީތަކަށް ދިއުމަށް ދަތުރު ކުރައްވަނީ ވެސް އެފަރާތްތަކުގެ އެހީގައި. ރާއްޖޭގެ ޓީމުތަކަށް މިހާ ފަސޭހައިން ކޭމްޕްކޮށް އަދި ބޭނުންވާ އެހީތެރިކަން ފޯނުކޯލެއް ކޮށްލައިގެން ނުވަތަ ސްކައިޕް ކޯލެއް މެދުވެރިކޮށް ހަމަޖައްސާނުލެވޭނެ. އެބޭފުޅުންނާ ބައްދަލުވެ، ގާތްގުޅުމެއް އުފެދި އެތައް މަޝްވަރާތަކެއް ކުރެވިގެން މިފަދަ ކަންކަން ފަހިވެގެންމިދަނީ،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުގެ ރައީސް ދަތުރުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވީ އޭނާގެ ބައެއް ދަތުރުތަކާމެދު އާއްމުން ފާޑުކިޔަމުންދާތީވެ އެކަން ސާފުކޮށްދެއްވުމުގެ ގޮތުންނެވެ.