ކުޅިވަރު

އެކަކު އަނެކަކަށް އިނގިލި ދިއްނުކުރަން ޕީކޭ ގޮވާލައިފި


އެކަކު އަނެކަކުގެ ބޮލަށް ކަންކަން ނުޖަހައި ނަތީޖާ ނެރެން މަސައްކަތް ކޮށްދިނުމަށް ބާސެލޯނާގެ ކުޅުންތެރިންނާއި މެނޭޖްމަންޓަށް ޑިފެންޑަރު ޖެރާޑް ޕީކޭ ގޮވާލައިފި އެވެ.

އޭނާ މިފަދައިން އެދުނީ ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރާތުން ބާސެލޯނާ ކެޓި މެޗަށް ފަހު އެވެ.

މި މެޗަށް ދިޔައިރު ޓީމު ތެރޭގައި އޮތީ ވަރަށް ބޮޑަށް މައްސަލަ ގޯސްވެފަ އެވެ. އެއީ ކެޕްޓަން ލަޔޮނަލް މެސީ އާއި ސްޕޯޓިން ޑިރެކްޓަރު އަރިކެ އަބިދާލްގެ ދެމެދުގައި އުފެދުނު މައްސަލައަކަށް ފަހު އެވެ. ކުރީގެ ކޯޗު އާނެސްޓޯ ވަލްވާޑޭ މަގާމުން ވަކިކުރީ ކުޅުންރެރިން ރަނގަޅަށް މަސައްކަތް ނުކުރާތީ ކަމަށް އަބިދާލް ބުނުމާއެކު މެސީ ވަނީ އެވާހަކަތަކަށް ރައްދި ދީފަ އެވެ. އަދި މެސީ އަށް މި މެޗުގައި ރަނގަޅު ކުޅުމެއް ވެސް ނުދެއްކޭ ކަމަށް މީޑިޔާތަކުން ވަނީ ސިފަކޮށްފަ އެވެ.

ޕީކޭ ބުނީ އެކަކު އަނެކަކުގެ ބޮލަށް ކަންކަންޖަހއިގެން ވާނެ ފައިދާއެއް ނެތް ކަމަށާއި ކޮންމެ މީހަކު ވެސް އަމިއްލަ ޒިންމާ އަދާކުރުމަށް އިސްކަންދޭންޖެހޭ ކަމަށެވެ. އޭނާ ބުނީ ބާސެލޯނާގެ މައްސަލަތަކާމެދު ވާހަކަ ދައްކަން އޭނާ ޖެހިލުން ނުވާ ކަމަށާއި ނަމަވެސް މިއީ އެވަގުތު ނޫން ކަމަށެވެ.

ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު ވަނީ މިހާރުގެ ކޯޗު ކީކޭ ސެޓިއެންއާއެކު ޓީމަށް ކާމިޔާބު ލިބިގެންދާނެ ކަމާމެދު އެއްވެސް ޝައްކެއްނެތްކަމަށް ބުނެފަ އެވެ.