ޚަބަރު

މާފުށީ ފަޅުން ހިއްކިބައި، ރަށާ ގުޅާލާނީ ބްރިޖަކުން


މާލެއަތޮޅު މާފުއްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް އެރަށުފަޅުން ބައެއް ހިއްކުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވަނީ މިދިޔަ ޑިސެންބަރުމަހުއެވެ. މި މަޝްރޫޢުއަކީ ރާއްޖޭގައި މުޅިން ތަފާތު އައު ކޮންސެޕްޓަކަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މާލެ އަތޮޅު މާފުއްޓަކީ ރާއްޖޭގައި އެންމެ ފުރަތަމަ ލޯކަލް ޓުއަރިޒަމްގެ ޚިދުމަތްފެށިި އެއް ރަށެވެ. ރަށުގެ ވަށައިގެން ބަލާލިއަސް ފެންނަނީ ގެސްޓް ހައުސްތަކާއި، ސްވެނިއާ ފިހާރަތަކާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްދާ ވިޔަފާރިތަކެވެ. އެރަށުގައި ފަންސާހަށްވުރެ ގިނަ ގެސްޓް ހައުސް ހިންގަމުންއާދެއެވެ. ރަށުގެ ބެޑް ކެޕޭސިޓީ 1600އަށް އަރައެވެ.

އާބާދީގައި 2000ހައި މީހުން އުޅުނުނަމަވެސް، އެރަށަށް ހިޖުރަކޮށްގެންނާއި އަދި ވިޔަފާރީގެ މަސައްކަތްތަކުގައި އެރަށުގައި 5000އެއްހައި މީހުން އުޅެމުންއަންނަކަމަށް ރަށު ކައުންސިލުން ވިދާޅުވެއެވެ.

ގެސްޓް ހައުސް ވިޔަފާރިތައް އިތުރުވުމާއި، އަދި އާބާދީ އިތުރުވުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް މިހާރުއޮތް އެންމެ ބޮޑު ދައްޗަކީ ބިމުގެ ޖާގައިގެ ދަތިކަމެވެ. ސަރުކާރުން މިދިޔަ ޑިސެމްބަރުމަހުވަނީ މާފުށިން ބިން އިތުރުކުރުމަށް އެރަށުގެބިން ހިއްކުމުގެ މަޝްރޫޢެއް ފަށާފައެވެ. މާފުށީ ފަޅުން ހިއްކަން ފަށާފައިވާ ބިން އެރަށާ ގުޅާލުމަށް ހަމަޖެހިފައިވަނީ ބްރިޖަކުންނެނެވެ. މިމަޝްރޫއަކީ މިކޮންސެޕްޓަށް ރާއްޖޭގެ ރަށެއް ހިއްކައި ތަރައްޤީކުރާ ފުރަތަމަ ފަހަރުވެސްމެއެވެ.

މާފުށިން ބިން ހިއްކަނީ ރަށްކައިރިން އޮންނަ ތިލަ ފަޅެއް ހިއްކައިގެންނެވެ. މިމަޝްރޫޢު ވެގެންދާނީ ރާއްޖޭގެ ތަރައްޤީއަށްވެސް އަދި އިޤްތިޞާދަށްވެސް މުހިންމު މަޝްރޫޢުއަކަށެވެ.

ޕްލޭނިންގ މިނިސްޓްރީއާއި މާފުށި ކައުންސިލް ގުޅިގެންވަނީ ހިއްކާ ބިމުގެ ޕްލޭން ރަށަށް އެންމެ ފައިދާވާނެގޮތަށް ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ބޯހިޔާވަހިކަމަށް ދިމާވެފައިވާ ގޮންޖެހުން ޙައްލުކުރުމަކީ ޕްރޮޖެކްޓްގެ އެންމެ މުހިންމު މަޤްސަދެކެވެ.

ހިއްކި ބިމުގައި ސޯޝަލް ހައުސިންގ މަޝްރޫޢު ހިންގުމަށްވަނީ ނިންމާފައެވެ. އަދި ލޯކަލް ޓުއަރިޒަމާއި، ވިޔަފާރިއަށް ދޫކުރާ ޒޯނަކާއި، މިކްސްޑް ޔޫޒް ޒޯނަކާއި، އަދި އާއްމުންގެ ހިތްހަމަޖެހުމަށް އޯޕަން ސްޕޭސްގެ ގޮތުގައި ބޭނުންކުރާ ސަރަޙައްދު ހިމަނާފައިވެއެވެ. އަދި ކުރިމަގުގައި ރަށަށް ބޭނުންވާ މުހިންމު މަސައްކަތްތައް ކުރުމަށްވެސް މިމަޝްރޫޢުން ބިންވަނީ ކަނޑައަޅާފައެވެ.

މާފުށީގައި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީއިންނެވެ. މާފުށިން 25 ހެކްޓަރުގެ ބިން ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް މިމަހު ނިމޭނެއެވެ. މި މަސައްކަތުގެ އިތުރުން ހިއްކުބިން ޙިމާޔަތްކުރުމަށް 1110މީޓަރުގެ ސަރަޙައްދުގައި ރިވެޓްމަންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

މާފުށީ ބިން ހިއްކުމުގެ މަޝްރޫޢުއަކީ ސަރުކާރުން 99މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.