ޚަބަރު

މިއަދުން ފެށިގެން ކޮމަންވެލްތުގެ ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭނެ


ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް އަލުން ވުމާއި ގުޅިގެން މިއަދުން ފެށިގެން ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް އެޖަމްޢިއްޔާއިން ހަމަޖައްސައިފިއެވެ.

މިގޮތަށް ހަމަޖައްސާފައިވަނީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއެކު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ބޭއްވެވި ބައްދަލުވުމުގައި، ދިވެހި ދަރިވަރުންނަށް ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނެ މަގުފަހިކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގަތުމާއި ގުޅިގެންނެވެ. މިނިސްޓަރ ޝާހިދުގެ އެދިވަޑައިގަތުމާއި ގުޅިގެން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްވަނީ އެކަމަށް ތާއީދުކުރައްވައި، ކޮމަންވެލްތުގެ ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭނެގޮތް ހަމަޖައްސަވައިދެއްވާފައެވެ. މި ސްކޮލަރޝިޕްތަކާއި، ސްކޮލަރޝިޕްތަކަށް ކުރިމަތިލުމާއި ބެހޭ މައުލޫމާތު ވަރަށް އަވަހަށް ކޮމަންވެލްތުން ހާމަކުރައްވާނެއެވެ.

މީގެ ކުރިން ކޮމަންވެލްތު މެމްބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތްއިރު ދިވެހި އެތައް ދަރިވަރަކަށް ކޮމަންވެލްތު މެމްބަރު ޤައުމުތަކުގައި ހިލޭ މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުޞަތުވަނީ ލިބިގެންގޮސްފައެވެ.

ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ އަނެއްކާވެސް ވުމާ ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓުގައި އިއްޔެ ދިވެހިރާއްޖޭގެ ދިދަ ވަނީ ނަގާފައެވެ. އަދި މިއަދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ މިނިސްޓަރ ޝާހިދު ވަނީ ލަންޑަންގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތު ސްކޮލަރޝިޕްތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުން ކޮމަންވެލްތާއި އެކު ދިވެހިރާއްޖެއިން މަސައްކަތްކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ޑރ ފަރަހަނާޒް ފައިސަލްއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ސަބްރާ ނޫރައްދީން އާއި، ހައިކޮމިޝަންގެ އިސް އޮފިޝަލުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމްވެސް ބައިވެރިވެވަޑައިގަތެވެ.