ޚަބަރު

ޕީޕީއެމް ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ދަނީ


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރާ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި އެ ޕާޓީން ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

ޕީޕީއެމް ފަރާތުން ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީގެ ޓިކެޓަށް އެދި 1146 މެމްބަރަކު ހުށައަޅާފައިވެ އެވެ. އޭގެ ތެރެއިން 450 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓް ވަނީ ކަށަވަރުވެފައި އެވެ.

އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެ ގިނައިން ކުރިމަތިލާފައިވާ ދާއިރާތަކަށް ކުރިމަތިލާނެ މީހުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދާނީ 14.30 ފެށިގެން 18.00 ހަމަށެވެ. މާލޭގައި ވޯޓުލުން ކުރިއަށް ދަނީ ދަރުބާރުގޭގައި އެވެ. އަދި ރަށްރަށުގައި ވޯޓުލުން ކުރިއަށްދަނީ ރަށްރަށުގައި ހުރި ޕީޕީއެމްގެ ޖަގަހަތަކުގައެވެ.

ޕީޕީއެމްގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް ފުވައްމުލައް ސިޓީ އާއި ކުޅުދުއްފުށި ސިޓީގައިވެސް މިއަދު އިންތިހާބު ކުރިއަށް ދެ އެވެ. 42 ރަށެއްގައި މިއަދު ކުރިއަށްދާ މި އިންތިހާބުގައި 7 އަތޮޅު ކައުންސިލަށް ޕީޕީއެމްގެ ޓިކެޓްގައި ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވާނެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވެސް މިދިޔަ ހުކުރު ދުވަހު ވަނީ އެ ޕާޓީގެ ޓިކެޓް ދޭނެ މެމްބަރުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވާފައެވެ.