ވިޔަފާރި

މޯލްޑިވްސް ޓޫރިޒަމް އެމްޕްލޯއީ އެވޯޑް ތައާރަފްކޮށްފި


ފަތުރުވެރިކަމުގެ ސިނާއަތަށް ޚާއްސަކޮށްގެން "މޯލްޑިވްސް ޓޫރިޒަމް އެމްޕްލޯއީ އެވޯޑް" ތައާރަފްކޮށްފިއެވެ.

ކޮމާކޯޅި މީޑިއާ ޕްރައިވެޓް ލިމިޓެޑުން ތައާރަފުކުރި "މޯލްޑިވްސް ޓޫރިޒަމް އެމްޕްލޯއީ އެވޯޑް"އަކީ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ އަގު ވަޒަންކުރުމަށްޓަކައި ރާއްޖޭގައި ދޭން ފަށާ މިފަދަ ފުރަތަމަ އެވޯޑެވެ.

މި އެވޯޑް، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަނީ އެންޑޯޒްކޮށްފައެވެ. އެވޯޑް ތައާރަފުކުރުމަށް، އުނިމާ ގްރޭންޑް ހޮޓެލްގައި ރޭ ބޭއްވި ހަފުލާގައި، ޓީމްގެ ފަރާތުން އެވޯޑް އެންޑާޒްކުރިކަމުގެ ލިޔުމުގައި ސޮއިކުރެއްވީ، އެ ޖަމިއްޔާގެ ރައީސް މައުރޫފް ޒާކިރެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މައުރޫފް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ، އަދި މަސައްކަތްތެރިން އެންމެ ގިނަ އިންޑަސްޓްރީގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށްޓަކައި އެވޯޑެއް ތައާރަފުކުރުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި ރަނގަޅު ފެށުމެއް ކަމަށެވެ.

އިވެންޓް މެނޭޖްކުރުމާއި ޕަބްލިކް ރިލޭޝަންސް އާއި މާކެޓިންގެ ދާއިރާގައި ހަރަކާތްތެރިވާ، ކޮމާކޯޅި މީޑިއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ، އެ ކުންފުނިން މިފަދަ އެވޯޑެއް ތައާރަފުކުރަން ނިންމީ، ރާއްޖޭގެ އިގްތިސޯދުގެ މައިބަދައަކީ ޓޫރިޒަމް ދާއިރާކަމަށް ވެފައި، އަދި ރާއްޖޭގެ މޫނުމައްޗަކީ ވެސް އެ ދާއިރާ ކަމަށްވާއިރު، އެ ދާއިރާގެ މަސައްކަތްތެރިންގެ ޚިދުމަތް ފާހަގަކުރުމަކީ ކުރަންޖެހިފައިވާ ކަމެއް ކަމަށް ގަބޫލްކުރައްވާތީކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ސާޅީސް އަހަރު ވެފައިވާއިރު، މިއަދު ރާއްޖެއަކީ ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ވަރުގަދަ ބްރޭންޑެއް. ނަމަވެސް މިހާތަނަށް އައިއިރު، ދާއިރާގެ މަސައްކަތްތެރިންގެ އަގު ހައްގުވާ މިންވަރަށް ވަޒަންކުރެވިފައެއް ނެތް. އެހެންވެ، އަޅުގަނޑުމެން ދެކުނީ ކޮންމެވެސް ބައެއްގެ ވާޖިބެކޭ އެއީ އެކަން ކުރުން. އެހެންވެ މި އެވޯޑް ތައާރަފުކުރީ. މިއީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ، އެންމެ ބޮޑު ލޭބަރ ފޯސްގެ އުއްމީދާ ގުޅިފައިވާ އެވޯޑެއް. ވަރަށް ގިނަ ބަޔަކު މިފަދަ އެވޯޑަކަށް އުއްމީދު ކުރަމުން ދިޔައީ. އެހެންވެ، އިރާދަކުރެއްވިއްޔާ ފުރަތަމަ އެވޯޑް ހަފުލާ، ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ދޭނަން" އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

"މޯލްޑިވްސް ޓޫރިޒަމް އެމްޕްލޯއީ އެވޯޑް"ގެ ތެރެއިން ޓޫރިޒަމްގެ މައިގަނޑު ކޮންމެ ދާއިރާއަކުން ވެސް، އެންމެ ރަނގަޅު މުވައްޒަފުން ހޮވައި އެވޯޑް ދޭނެވެ. މި އެވޯޑްގެ އުސޫލްތަކާއި ކެޓަގަރީތައް، އަދި ފަނޑިޔާރުންގެ ޕެނަލް ވަރަށް އަވަހަށް އިއުލާންކުރާނެއެވެ.