ވިޔަފާރި

މިލާންގެ ޓެކްސީތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް!


އިޓަލީގެ މިލާންގެ ޓެކްސީތައް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތަކެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ފަށައިފިއެވެ.

އެމްއެމްޕީއާރުސީއިން ބުނީ މިއަހަރު ތެރޭ އިޓަލީގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކަތްތަކެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިއަހަރު ދެ މިލިއަނަށްވުރެ އިތުރުކުރުމުގެ މަޤްސަދުގައި ތަފާތު ޤައުމުތަކުގައި އެކި ކެމްޕެއިންތައް އެމްއެމްޕީއާރުސީން ދަނީ ކުރިޔަށް ގެންދަމުންނެވެ.

އިޓަލީން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމުގެ މަޤްސަދުގައި އެމްއެމްޕީއާރުސީން މިއަހަރު އެޤައުމުގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މިގޮތުން ރާއްޖެ އަކީ ޗުއްޓީ ހޭދަކުރުމަށް އިޓަލީގެ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމުގެ ގޮތުން، މަސް ދުވަހުގެ މުއްދަތަކަށް މިލާންގެ 80 ޓެކްސީއެއްގައި ރާއްޖޭގެ މަންޒަރުތައް އިޝްތިހާރުކުރަން ފަށާފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނީ ޓެކްސީތަކުގައި ހުރި އިޝްތިހާރުތަކުގައި ރާއްޖޭގެ ހިތްގައިމުކަމާއި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުރި ތަފާތު ކަންކަން ދައްކުވައިދޭ ފޮޓޯތައް ހިމެނޭކަމަށެވެ. އަދި މިމަހުގެ 9-11 އަށް މިލާންގައި އޮންނަ ބީއައިޓީ މިލާން ފެއާގައި ރާއްޖޭއިން ބަހައްޓާ ސްޓޭންޑާ ބެހޭ މައުލޫމާތުތައްވެސް މިކެމްޕެއިންގެ ތެރެއިން ފޯރުކޮށްދޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނީ އިޓަލީގައި ރާއްޖެ އިޝްތިހާރުކުރުމަށް ރޭވިފައިވާ އެހެން ހަރަކާތްތަކުގެ ތެރޭގައި ދެ ފެއަރއެއްގައި ބައިވެރިވުމުގެ އިތުރުން، މީޑިއާ އިންފްލުއެންސަރ އަދި ސެލެބްރިޓީ ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި ބޮޑެތި ޓްރެވަލް އެޖެންސީތަކާއެކީ ޖޮންއިންޓް ކެމްޕޭން ކުރިއަށްގެންދިއުމާއި އޮންލައިން އަދި އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިންތައް ހިމެނޭކަމަށެވެ.

މިދިޔަމަހު އެމްއެމްޕީއާރުސީން ވަނީ މުޅި އިޓަލީއަށް އަމާޒުކޮށް އައުޓްޑޯ ކެމްޕޭނެއް ލޯންޗުކޮށްފައެވެ. އެކެމްޕެއިން ދަށުން އިޓަލީގެ އެންމެ ބޮޑު 14 އެއާޕޯޓުގައި ބެހެއްޓިފައިވާ 350 ސްކްރީންނެއްގައި ވަނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދައްކާލާފައެވެ. އަދި އިޓަލީން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޓްރެވަލް އެޖެންސީ، އަލްޕިއުޓާގެ ދަށުން ހިންގަމުން އަންނަ ދެހާސް އޮފީހެއްގެ ބޭރުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތަކުގެ އިޝްތިހާރުތައް ވަނީ ބަހައްޓާފައެވެ.

އިޓަލީއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ޤައުމެކެވެ. މިގޮތުން މިދިޔަ އަހަރު އިޓަލީން 343136 ފަތުރުވެރިން ޒިޔާރަތްކޮށް އެ ޤައުމު ހިމެނިފައިވަނީ 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ޤައުމުގެ ގޮތުގައެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު، 29.5 އިންސައްތަ ކުރިއެރުމެކެވެ.