ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި އަލުން ފެނުމާއި ގުޅިގެން އެއިން ރައްކާތެރިވުމަށް ފަށާފައިވާ ސަޕްލިމެންޓަރީ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ބޭނުންވާ ވެކްސިނާއި ކޮންސިއުމަބްލްސް ހޯދުމަށް ޔުނިސެފުން އެހީތެރިވެއްޖެއެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި ޔުނިސެފުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދިން މިއެހީތެރިކަން ފާހަގަކުރައްވާ، ޔުނިސެފުން ރާއްޖޭގެ ވެކްސިން ޕްރޮގްރާމަށް ލިބެމުންދާ ފަންނީ އެހީތެރިކަމަށް މިނިސްޓަރ ޢަބްދުﷲ އަމީން ޝުކުރުއަދާކުރެއްވިއެވެ.
ޔުނިސެފުން ރާއްޖެއަށް ފޯރުކޮށްދީފައިވާ ވެކްސިން އެކަމުގެ ފަންނީ މީހުންގެ ލަފަޔާ އިރުޝާދުގެ ދަށުން ދިނުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖެއިން ހިމަބިހި ފެނުމާއި ގުޅިގެން ބަލި ފެނުނު ސަރަޙައްދުގައި ހިމެނޭ ހުރިހާ ފަރާތަކަށް މިހާރުވަނީ ވެކްސިން ދީފައެވެ. އަދި މީގެ އިތުރުން ހިމަބިހީގެ ނުރައްކާ ކެޓަގަރީގައި ހިމެނޭ އުމުރުން 6 މަހާއި 18 މަހާއި ދެމެދުގެ ތުއްތު ކުދިންނަށް އެމް.އެމް.އާރުގެ އިތުރު ޑޯޒެއް ދިނުމަށް ހެލްތު މިނިސްޓްރީން ނިންމާ މިހާރު އަންނަނީ ދެމުންނެވެ. މީގެ އިތުރުން މީސްލްސް ނުވަތަ ހިމަބިއްސާ ގުޅޭ ގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ހެލްތު މިނިސްޓްރީން އަންނަނީ ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ކުރައްވަމުންނެވެ. އަދި ބިދޭސީން ހިމެނޭގޮތަށް ރާއްޖޭގެ އާބާދީއަށް އަމާޒުކޮށް އެމް.އެމް.އާރު ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭނެއް ފެށުމަށް އެމިނިސްޓްރީން ވަނީ ނިންމާފައެވެ.
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން މިކަން އިއުލާނުކޮށްފައިވަނިކޮށް ހިމަބިހި ރާއްޖެއިން އަނެއްކާ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިވަނީ ފެނިފައެވެ.