ފުވައްމުލައް ސިޓީގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒެއް ތަރައްޤީކުރުމަށް ނިންމާ އެމަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެމަސައްކަތް ޙަވާލުކޮށްފައިވަނީ މާރިސް ކޮންސްޓްރަކްޝަން ޕްވަރިވެޓް ލިމިޓެޑާއެވެ.
ރާއްޖޭގެ ރައްޔިތުންނަކީ ކީރިތި ޤުރުއާނަށް އަހުލުވެރި ބަޔަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ފުވައްމުލައް ސިޓީގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒް ތަރައްޤީކުރުމަށް ހިންގާ މިމަޝްރޫޢުގެ މަސައްކަތް މާރިސް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 10 މަސް ދުވަހުގެ ތެރޭގައި ނިންމާ ޙަވާލުކުރުމަށެވެ. ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ފުވައްމުލަކުގެ ގޮފި ޢިމާރާތްކުރުމަށް ދައުލަތުގެ ބަޖެޓުން 6 މިލިއަން 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރަންވަނީ ނިންމާފައެވެ. މިމަޝްރޫޢުގެ މަސައްކަތް މާރިސް ކޮންސްޓްރަކްޝަނާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރެވެ. އަދި މާރިސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިސްލާމިކް މިނިސްޓްރީގެ ގޮފިތައް ހުޅުވާ ކީރިތި ޤުރުއާނަށް ލޯބިކުރާ އެފޮތަށް އަހުލުވެރި ބަޔަކު އުފެއްދުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ.
ފުވައްމުލައް ސިޓީގައި ތަރައްޤީކުރާ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަކީ 2 ފަންގިފިލާގެ ޢިމާރާތެކެވެ. މިޢިމާރާތުގައި 4 ކްލާސް ރޫމާއި އޮޑިޓޯރިއަމަކާއި ލައިބްރަރީއެއްގެ އިތުރުން ކުދިން ކިޔަވަން ތިބެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މިމަރުކަޒުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ސިލަބަހާއި އެއްގޮތައްކަމަށާއި ކިޔަވައިދިނުމުގެ ފެންވަރު ހިފެހެއްޓުމުގެ މަސައްކަތް ކުރާނެކަމަށްވެސް އެމިނިސްޓްރީން މަޢުލޫމާތުދެއެވެ.