ޚަބަރު

ހިޔާ ފްލެޓް: ތިންހާހެއްހާ ގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ބަލައިފި


"ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ"އިން މިހާތަނަށް ތިންހާހެއްހާ ގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ޙާލަތު ބަލާފައިވާކަމަށް އެ ކޮމިޓީން ބުނެފިއެވެ.

ހިޔާ ފްލެޓަށް ފޯމު ހުށައެޅި ފަރާތްތަކުގެ ތެރެއިން ގިނަ ގެތަކެއްގެ ދިރިއުޅުމުގެ ޙާލަތު ބަލަން ގޮސްފައި ނުވާކަކަމަށްބުނެ ފޯމް ހުށައެޅި ފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ. މިކަމާއި ގުޅިގެން ފްލެޓް ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލް ހާމަކޮށް އެ ކޮމިޓީންވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ހިޔާ ފްލެޓްގެ 15 ކެޓަގަރީގެތެރެއިން މިހާތަނަށް ގޭގެއަށް ގޮސް ދިރިއުޅުމުގެ ޙާލަތު ބެލުމުގެ މަސައްކަތް ފަށާފައިވަނީ 8 ކެޓަގަރީގައިކަމަށެވެ. މީގެތެރޭގައި ހިމެނެނީ ނަރުހުން، ޓީޗަރުން، އެކަނިވެރިމައިންނާއި ބަފައިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތައް، މާލެ ރަށްވެހިން(1ކޮޓަރި)، ދަފްތަރު(1ކޮޓަރި)، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތައް(1 ކޮޓަރި) އަދި އަލަތު ކައިވެނި(1 ކޮޓަރި) ގެ ކެޓަގަރީއެވެ.

މި 8 ކެޓަގަރީގެތެރެއިން މިހާތަނަށް 5870 ފޯމްގައި ހުރި މަޢުލޫމާތުގެ ސައްޙަކަން ދެނެގަތުމުގެ މަސައްކަތްވަނީ ކޮށްފައެވެ. ކޮމިޓީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުށައަޅަންޖެހޭ ބައެއް ލިޔެކިޔުންތައް ބައެއް ފަރާތަކުގެ ފޯމްތަކާއިއެކު ހުށައަޅާފައި ނެތްކަން ފާހަގަވެފައިވާކަމަށެވެ.

އެގޮތުން އުފަންދުވަހުގެ ސެޓްފިކެޓާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ލިޔުންފަދަ މުހިއްމު ލިޔުންތައް މަދުކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް ފޯމުތަކާ މި ކޮމިޓީއިން ހަވާލުވިއިރު، ބަހައްޓާފައިވާ ގޮތުންނާއި ކޮމިޓީ އޮފީހަށް ފޯމުތައް ގެނައުމުގެ ތެރޭގައި އެކި ލިޔުންތައް ގެއްލިފައިވެދާނެކަމަށް ބަލައި، މިފަދަ ފޯމުތައް ބާޠިލްކުރުމުގެ ބަދަލުގައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ މެދުވެރިކޮށް މި މައުލޫމާތު ވެރިފައިކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

މި 8 ކެޓަގަރީގެ ފޯމް ސްކްރީންކުރުމަށްފަހު، މިހާރު ކުރަމުންދަނީ ގޭގެއަށްގޮސް ދިރިއުޅުމުގެ ޙާލަތަށް ޕޮއިންޓް ދިނުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް 2926ގެއަށް ކޮމިޓީގެ އިދާރީ މަސައްކަތްކުރާ ޓީމްތައް ޒިޔާރަތްކޮށްވަނީ ޙާލަތު ބަލާފައެވެ. މި ކެޓަގަރީތަކުން އަދިވެސް 2230ގެ ބަލަން ނުދާތީ، އެ ގެތަކަށްވެސް ވަރަށް އަވަހަށް ދާނެކަމަށެ ކޮމިޓީއިންވަނީ ބުނެފައެވެ.

އަދި ފޯމް ހުށައެޅި ފަރާތުގެ ތެރެއިން ފޯނުން ނުގުޅުނު ފަރާތްތައްވެސް، ކޮމިޓީއަށް ގުޅައިގެން އެކަން އެންގުމަށް ކޮމިޓީން ވަނީ އެދިފައެވެ. ކޮމިޓީއިން ބުނެފައިވަނީ ފޯމުގައި ހިމެނޭ "ދިރިއުޅުމުގެ ޙާލަތު" ބަޔަށް މާކްސް ދޭނީ އެ ގެއަކަށް ގޮސް ބެލުމަށް ފަހު ކަމަށެވެ. އަދި ބައެއް ރަށްރަށުގައި އުޅޭ މީހުންވެސް ފޯމުލާފައި ވާތީ، އެމީހުންނަށްވެސް ދިރިއުޅުމުގެ ޙާލަތުގެ ބަޔަށް މާކްސްދޭނީ ރަށު ކައުންސިލް މެދުވެރިކޮށް އެ ގެތަކަށްގޮސް ބަލާފައިކަމަށެވެ.

ގޭގަށް ގޮސް ދިރިއުޅުމުގެ ޙާލަތު އަދި ބަލަން ފަށާފައި ނުވާ ކެޓަގަރީ ތަކަކީ 18-40 އަހަރާއި ދެމެދުގެ ކެޓަގަރީ، މާލެ ރަށްވެހިން، ދަފްތަރު އަދި 18-40 އަހަރާއި ދެމެދު(1ކޮޓަރި) ކެޓަގަރީއެވެ. ނަމަވެސް މި ކެޓަގަރީތަކުގެ ފޯމްތައް މިހާރުވަނީ ސްކްރީން ކުރަން ފަށާފައެވެ.

ސަރުކާރުން ވިދާޅުވެފައިވަނީ ހިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް އެކުލަވާލައި މިއަހަރު ޙައްގުވެރިންނަށް ފްލެޓް ހަވާލުކުރާނެކަމަށެވެ.