ފަތުރުވެރިންގެ ބުކިންގތައް ކެންސަލްނުކޮށް، އެހެން ތަރީޙްތަކަށް ބަދަލުކުރުމަށް ފަސޭޙަ އިންތިޒާމްތަކެއް ހަމަޖައްސަމުންދާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުގެ މަޝްވަރާއާއެކު ކުރިއަށްއޮތްތަނުގައި ރާއްޖެ އައުމަށް ބުކިންގ ހަދާފައިވާ ފަތުރުވެރިންގެ ބުކިންތައް އެހެން ތާރީޙްތަކަށް ބަދަލުކުރުމަށް ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ބައެއް ފްލައިޓްތައް އައުން މެދުކަނޑާލާފައިވުމުން އެޤައުމުތަކުން ރާއްޖެ އައުމަށް ބުކިންގ ހަދާފައިވާ ފަތުރުވެރިންގެ ބުކިންގތައް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި ދުވަސްވަރު ރާއްޖޭގައި ބުކިންގ ހެއްދެވި ފަތުރުވެރިންނަށް އަޅުގަނޑުމެންގެ އިންޑަސްޓްރީގެ ރިސޯޓްތަކުން ވެސް އަދި އެއަރލައިންތަކުން ވެސް މީހުންނަށް އެބުކިންގއިން އިތުރަށް ޗާޖު ނުކޮށް އެހެން ޑޭޓަރަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް މިދަނީ ކުރަމުން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ޤައުމެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް މުޅި އިންޑަސްޓްރީ ގުޅިގެން ކުރާ ރަނގަޅުކަމަކަށް ވެގެންދާނެ." އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ޖެނުއަރީމަހުގެ 26 އިން ފެބްރުއަރީ 5 އެއްގެ ނިޔަލަށް ޖުމްލަ 56819 އެނދު ބުކްކޮށްފައިވާކަމަށެވެ. މީގެ ތެރެއިން މިހާތަނަށް 24،297 އެނދުގެ ބުކިންގ ކެންސަލްކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުވެފައި އޮތް އޮތުން ދަމަހައްޓައި ފަތުރުވެރިންނަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުންކަމަށެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ގިނަ އެއަރލައިންތަކުން ވަނީ ކޮރޯނާ ވައިރަސް ފެތުރެމުންދާ ސަރަޙައްދުތަކަށް ދަތުރުކުރުން ހުއްޓާލާފައެވެ.
ކޮރޯނާ ވައިރަސް ފެތުރުމާއި ގުޅިގެން ރާއްޖެއިން ވެސް ވަނީ ޗައިނާއާއި ރާއްޖެއާއި ދެމެދު ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ. މިއާއެކު ގިނަ ފަތުރުވެރިންނަށް އެނބުރި ޤައުމަށް ދިއުމުގައި ގިނަ ދަތިތަކާއި ކުރިމަތިވިއެވެ.
ސަރުކާރުން ވަނީ މިހާތަނަށް އާރޖެންޓީނާގެ 8 ފަތުރުވެރިއަކާއި ޗައިނާގެ 16 ފަތުރުވެރިއަކު ޤައުމަށް އަނބުރާ ފޮނުވަލާފައެވެ. މިނިސްޓަރ ވިދާޅުވީ މިކަމާއި ގުޅިގެން ބައެއް ހިސާބުތަކުން ފަތުރުވެރިން އައުމުގައި ދަތިތަކެއް ކުރިމަތިވީނަމަވެސް މިއަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެކަމަށެވެ.
"ބައެއް ދިމަދިމާލުން ފަތުރުވެރިން އައުމުގައި ދަތިވިޔަސް އެހެނިހެން ހިސާބުތަކުން ވެސް ރާއްޖެއަށް ފަތުރުވެރިން އަންނަމުންދޭ. އަޅުގަނޑު ޤަބޫލުކުރަނީ ރާއްޖެއަށް މި ފަތުރުވެރިން އަނބުރާ ގެނެވޭނެކަމަށް. މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ 1.7 މިލިއަން ގެނެވޭ ވަރަށް މަސައްކަތްކުރެވޭނެ. އަދި މިވަގުތުގެ ފޯކާސްޓް އޮތް ގޮތުން ވެސް 1.7 މިލިއަނަށް ވުރެން ގިނައިން ގެނެވޭނެ." އަލީ ވަހީދު ވިދާޅުވިއެވެ.
ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހާއި ގުޅިގެން ސަރުކާރުން ދަނީ މި ބަލި ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކައި ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އަދި އެކަމާ ގުޅިގެން އިޤްތިޞާދަށްވެސް ކޮށްފާނެ އަސަރުތައް ސަރުކާރުން ދަނީ ގާތުން ބަލަމުންނެވެ.