ޚަބަރު

ހުޅުމާލޭގައި ބިދޭސީންނަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި 3 ވަނަ މީހަކު ހައްޔަރުކޮށްފި


އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ބިދޭސީންތަކަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި 3 ވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި ތިންވަނަ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހަކު ވަނީ ތޫނު އެއްޗަކުން ހަމަލާދީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައި ޗައިނާގެ ފަތުރުވެރިއަކާއި، ރާއްޖޭގައި މަސައްކަތްކުރާ ޗައިނާގެ މީހަކާއި އޮސްޓްރޭލިއާ މީހަކު ޒަޚަމްކޮށްލާފައެވެ.

އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ އިރު ހާލު ސީރިއަސް ނޫން ކަމަށާއި އެމީހުންގެ ހާލުވެސް ގާތުން ބަލަމުންދާކަމުގައި ފުލުހުން ވިދާޅުވެފައި ވެެއެވެ.

މިމައްސަލައިގައި މިހާތަނަށް 3 މީހުން ހައްޔަރުކޮށްފައި ވާއިރު އެމީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފަތުރުވެރިންނަށް އަމާޒުކޮށްގެން ހުޅުމާލޭގައި ތިން ބިދޭސީންނަށް ހަމަލާދީފައި ވާއިރު، އެހަމަލާގެ ޒިންމާ އުފުލާކަމަށް ބުނެ މީހަކު ސޯޝަލްމީޑިއާގައި ދައްކާފައިވާ ވާހަކަތަކެއްވެސް ފުލުހުން ގެންދަނީ ތަހުޤީޤުކުރަމުންނެވެ.

ފުލުހުން ވިދާޅުވީ ފަތުރުވެރިންނަށް އަމާޒުކޮށް އެހަމަލާތައް ދީފައިވަނީ ހަރުކަށި ދީނީ ފިކުރުގެ ބައެއް ކަމަށް ބެލެވޭ ކަމަށެވެ.