ޚަބަރު

ކޮމަންވެލްތުގައި ދިވެހި ދިދަ ނަގަން ފޮރިން މިނިސްޓަރ ލަންޑަނަށް ފުރާ ވަޑައިގެންފި


ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް އަނެއްކާވެސް ވުމާ ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ލަންޑަނަށް މިއަދު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ކޮމަވެލްތުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ އިސްވެރިންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާ، ކޮމަންވެލްތާއި، ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކާއި ގުޅިގެން ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު އަރުއްވާނެ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ކޮމަންވެލްތުގެ 54 ވަނަ މެމްބަރު ޤައުމުގެ ގޮތުގައި ރާއްޖެ އަލުން އެޖަމްއިއްޔާއަށް ވަނުމާ ގުޅިގެން ލަންޑަނުގެ މަލްބަރޯ ހައުސްގައި ރާއްޖޭގެ ދިދަ ނެގުން އޮންނާނީ މާދަމާއެވެ. މިރަސްމިއްޔާތަށްފަހު މިނިސްޓަރ ޝާހިދު ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ވަޑައިގެން، އެތަނުގެ ނަންބޯޑު ރަސްމީކޮށް ބަދަލުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ރާއްޖެ އަލުން ވުމާއި ގުޅިގެން، މެމްބަރު އެހެން ޤައުމުތަކުގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް އެމްބަސީތަކުގެ ބަދަލުގައި ހައިކޮމިޝަންތަކަށް ބަދަލުވެގެންދާނެއެވެ.

މިނިސްޓަރ ޝާހިދު ލަންޑަށް ކުރައްވާ މިދަތުރުފުޅަށްފަހު ކޮމަންވެލްތުގައި ރާއްޖެއިން ހަރަކާތްތެރި ދައުރެއް އަދާކޮށް، އެޖަމްއިއްޔާގެ އެކިއެކި ސަބްސިޑަރީ ގުނަވަންތަކުގައި ބައިވެރިވާނެކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބައިވެރިވެވަޑައިގަންނަވައެވެ.

ދިވެހިރާޖެއިން ކޮމަންވެލްތްގައި ފުރަތަމަ ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި ކޮމަންވެލްތުން ވަކި ވެފައިވަނީ 13 އޮކްޓޫބަރު 2016 ގައެވެ.

ކޮމަންވެލްތުން ވަކިވުމަށްފަހު، އަލުން ރާއްޖެ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވެފައިވަނީ މިމަހުގެ 1 ވަނަދުވަހުއެވެ. ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު ވައުދުފުޅެކެވެ. އަލުން ކޮމަންވެލްތަށް ވަނުމަށް ދިވެހިރާއްޖެއިން ރަސްމީކޮށް ހުށަހަޅާފައިވަނީ 6 ޑިސެމްބަރު 2018 ވަނަ ދުވަހުއެވެ. އަދި ކޮމަންވެލްތުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އޮގަސްޓް މަހު ރާއްޖެއަށް އެސެސްމަންޓް ޓީމްތަކެއް ފޮނުވިއިރު، އެޕްރީލް 2019ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވްކުރުމަށް އިލެކްޝަން އޮބްޒާވަރ މިޝަނެއްވެސް ރާއްޖެއަށް ފޮނުއްވިއެވެ.