ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިޢުލާންކުރުމަށް ކުރިއަށްދާ ރަސްމިއްޔާތުގައި އެ ކޮމިޝަނުގެ ނާއިބް ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް އިލެކްޝަންސް ކޮމިޝަނުންނާއި އެކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ކައުންސިލް އިންތިޚާބުގައި ކައުންސިލްތަކަށް 982 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ނާއިބް ރައީސް އަކްރަމް ވަނީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް އިލެކްޝަންސް ކޮމިޝަނުން އެއް ދުވަހެއްގައި 2 އިންތިޚާބު ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ގެނައި ބަދަލާއެކު ޤާނޫނުގައިވާގޮތުން ކައުންސިލް އިންތިޚާބާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުވެސް ބާއްވަން ޖެހެއެވެ.
އަކްރަމް ވިދާޅުވީ މުޅި އިންތިޚާބުގައި 1912 ކެނޑިޑޭޓުން އިންތިޚާބުކުރުމަށް ވޯޓުލާންޖެހޭ ކަމަށެވެ. އެގޮތުން ކައުންސިލްތަކަށް އިންތިޚާބުކުރާ 982 މެންބަރުންގެ އިތުރުން އަންހެނުންގެ ކޮމިޓީއަށް 930 މެންބަރުން އިންތިޚާބުކުރުމަށްވެސް ވޯޓުލާން ޖެހޭކަން އަކްރަމް ވަނީ ފާހަގަކުރައްވާފައެވެ. އަދި މުޅި އިންތިޚާބުގައި ހަ ހާހަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާގޮތް:
މިފަހަރުގެ އިންތިޚާބު ކުރިއަށްދާއިރު ވޯޓު ފޮށިތައް ކައިރީގައި އޮފިޝަލުންގެ ގޮތުގައި 6500 އާއި 7000 އާ ދެމެދުގެ އަދަދަކަށް އޮފިޝަލުން ޙަރަކާތްތެރިވާނެކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.